ބޮލީވުޑްގައި ގޯވިންދާއަށް ކުރިއަށް ދެވޭނެ ގޮތެއް ނެތް
ބޮލީވުޑްގައި ގޯވިންދާއަށް ކުރިއަށް ދެވޭނެ ގޮތެއް ނެތް

ފިލްމު އިންޑަސްޓްރީގެ ބޮޑެތި ކޭމްޕްތަކުން ކޭމްޕެއްގައި ބައިވެރި ނުވެވުނީތީ ހިތާމަކުރާ ކަމަށް ބުނެ ގޯވިންދާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވާހަކަ ދައްކައިފަ އެވެ. އޭނާ އެ ވާހަކަ ދައްކާފައި ވަނީ އިންޑަސްޓްރީގައި އޭނާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިޝާރާތްކުރަމުންނެވެ. ގޯވިންދާނެ މި ވާހަކަ އާއި މިހާރު ދިމާވެގެން އުޅޭ މައްސަލަތަކަށް ބަލާއިރު އޭނާއަށް ދެން ފުރުސަތެއް އޮތް ކަމަކަށް ވެސް ނުފެނެ އެވެ.

ފިލްމު އިންޑަސްޓްރީއަސް ގޯވިންދާ ވަނީ ވެސް ވަރަށް މަސައްކަތުންނެވެ. ގޯވިންދާ އަކީ 90ގެ އަހަރުތަކުގައި ވަރަށް ކާމިޔާބު އެކްޓަރެއް ނަމަވެސް އޭނާގެ ކެރިއަރު ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ. މިހާރު އެއްވެސް ފިލްމެއްގައި އޭނާ ބައިވެރިކުރަން މީހުން ޝައުގުވެރިއެއް ނުވެ އެވެ.

ގޯވިންދާ އަށް ފިލްމެއް ދޭނެ މީހަކު ނުވުމުން އޭނާ އަމިއްލައަށް ފިލްމެއް އުފައްދަން ގަސްތުކުރުމަކީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް މިހާރު ބެލެވެ އެވެ. އޭނާ އުފެއްދި "އާ ގަޔާ ހީރޯ" ރިލީޒްކުރުމަށް ވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ފިލްމު ރިލީޒްކުރުން އަނެއްކާވެސް ފަސްކުރަން ގޯވިންދާ މިހާރު ވަނީ ނިންމާފަ އެވެ. ދާދިފަހުން "ކަޕިލް ޝަރުމާ ޝޯ" ގައި ޕްރޮމޯޓްކޮށްފައިވާ މި ފިލްމު 2015 ގައި ވެސް ރިލީޒްކުރެވޭތޯ ގޯވިންދާ މަސައްކަތްކުރި އެވެ. ފަހުން މިއަހަރުގެ ފެބްރުއަރީ 24 އަށް ފަސް ކުރީ އެވެ. ނަމަވެސް އެ ދުވަހު ވެސް ރިލީޒް ނުކުރެވި މާޗް 3 އަށް ފަހުން ބަދަލު ކުރި އެވެ. ރިލީޒްކުރާ ދުވަސް މިހާރު ވަނީ މާޗް 17 އަށް ބަދަލުކޮށްފަ އެވެ.

މިހާބޮޑަށް މި ފިލްމު ފަސްކުރަން ގޯވިންދާ އަށް މަޖްބޫރުވީ މި ފިލްމު ޑީސްޓްރިބިއުޓްކޮށްދިނުމުގެ ޒިންމާ އުފުލަން އެއްވެސް ޑިސްޓްރިބިއުޓަރަކު ބޭނުން ނުވާތީ އެވެ.

މިޑް-ޑޭ ނޫހުގައި ބުނެފައިވާ ގޮތުން ފިލްމު ރިލީޒްކުރަން މިހާރު ކަނޑައަލާފައިވާ ތާރީޚް ކަމަށްވާ މާޗް 17 ވަނަ ދުވަހު ވެސް މި ފިލްމު ރިލީޒް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އަނުޝްކާ ޝަރުމާގެ "ފިލޯރީ" އާއި ރާޖް ކުމާރު ރާއޯގެ "ޓްރެޕްޑް" އެ ދުވަހު ރިލީޒްކުރާތީ އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ރަނގަޅުވާނެކަމަށް އަޑުއަރާފައިވާ ދެ ފިލްމެވެ. އޭގެ ބަދަލުގައި ގޯވިންދާގެ "އާ ގަޔާ ހީރޯ" އަށް ބެލުންތެރިންގެ ސަމާލުކަން އެއްވެސް ވަރަކަށް ހޯދިފައެއް ނެތެވެ.

މިހާތަނަށް ރިލީޒްކޮށްފައިވާ މި ފިލްމުގެ އިޝްތިހާރުތަކާއި ލަވަތަކަށް ވެސް ރަނގަޅު ތަރުހީބެއް ލިބިފައެއް ނެތެވެ. އެހެންވެ މާޗް 17 ގައި ވެސް ފިލްމު ރިލީޒް ކުރެވޭނެ ކަމަކަށް އަދި ނުބެލެވެ އެވެ.