15 ޑިސެމްބަރ 2024 - 11:28

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕުގައި ބ. އޭދަފުށީ ގޯލްކީޕަރު އަލީ އަޖްފާން އަމްޖަދު ކުރި ނުރައްކާތެރި ޓެކުލްގެ ވީޑިއޯ އަށް ޓިކްޓޮކްގައި 12.7 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ.
"މިހާރު ސްޕޯޓްސް" ގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކުރި އެ ވީޑިއޯ "އެމްވީ ހިބަރު" ނަމަކަށް ކިޔާ އެކައުންޓަކުން ޓިކްޓޮކްގައި ޕޯސްޓްކުރުމުން 12.7 މިލިއަން ވިއުސް ލިބުނީ އެންމެ ފަސް ދުވަހުންނެވެ.
ބެލެވޭ ގޮތުގައި މިއީ ޓިކްޓޮކުގައި އެންމެ ގިނަ ވިއުސް ލިބުނު ރާއްޖޭގެ ކުޅިވަރު އެއް ވީޑިއޯ އެވެ.
މި ވީޑިއޯ އަށް ޓިކްޓޮކުގައި 373،000 ލައިކްސް ލިބިފައިވާއިރު 10،400 ކޮމެންޓްކޮށް 178،000 ފަހަރު ޝެއާ ވެސް ކޮށްފައިވެ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ޖެހި ޕެނަލްޓީގެ ވީޑިއޯ އަށް ޔޫޓިއުބުގައި 12.2 މިލިއަން ވިއުސް ލިބިފައިވެ އެވެ. މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އަފްގާނިސްތާން އަތުން 8-7 އިން ރާއްޖެ މޮޅުވި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި އަޑުބަރޭ އެ ޕެނަލްޓީ ވައްދާލީ، ޕެނަލްޓީ ފޮނުވާލަން ދަނިކޮށް ކައްސާލައިގެން ވެއްޓުމުން ތެދުވެ އެވެ. އެއީ ކީޕަރަށް އޮޅުވާލަން އޭނާ ގަސްދުގައި ކުރި ކަމެއް ކަމަށް ވެސް ވާހަކަ ދެކެވުނެވެ.
ޓިކްޓޮކްގައި މި ފަހަރު 12.7 ވިއުސް ލިބުނު ވީޑިއޯގައި ފެންނަނީ ކ. މާފުށީގެ ކުޅުންތެރިޔަކު ޑްރިބަލްކޮށްފައި ގޯލާ ދިމާލަށް ދަނިކޮށް އޭދަފުށީގެ ކީޕަރު އަޖްފާން ނުކުމެ ފުންމައިގެން އަރާ ދެ ފައިން އޭނާ އަށް ނުރައްކާތެރި ޓެކުލެއް ކުރާ ތަނެވެ. އެ ޓެކުލާ ގުޅިގެން އަޖްފާނަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އަދި ނައިންޓީ ޕްލަސްއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި އެއް އަހަރުވަންދެން ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑްކޮށް 5000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.