14 ޑިސެމްބަރ 2024 - 22:48

ޣައްޒާގެ އަލް-ނުސައިރަތު ކޭމްޕަށް އިޒްރޭލު ސިފައިން ދިން ހަމަލާ އާއި ހިންގި ގަތުލުއާއްމު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިއްޔެ ޢިޒްރޭލުން ދިން ހަމަލާތަކުގައި 33 މީހަކު ވަނީ ޝަހީދުވެފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ގާނޫނުތަކާ ޚިލާފަށް، އާންމުންނަށް އަމާޒުކޮށް އިޒްރާއީލުންދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ބަޔާން ވެސް ނުކުރެވޭ ފަދަ މިންވަރަކަށް ގޯސްވެފައިވާ ކަމަށެވެ.
މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށާއި ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފު ހޯދުމަށާއި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރަމުންދާ މިންނެތް މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭތާ އަހަރެއް ވެފައި ވާއިރު މިހާތަނަށް 45،000 މީހަކު ވަނީ ޝަހީދުވެފަ އެވެ.