"އެނިމަލް"ގެ ޑައިރެކްޓަރު ދެން ގެނެސްދެނީ "ސްޕިރިޓް"
"އެނިމަލް"ގެ ޑައިރެކްޓަރު ދެން ގެނެސްދެނީ "ސްޕިރިޓް"

ރަންބީރް ކަޕޫރް ލީޑު ރޯލު ކުޅުނު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ ވަރުގަދަ ކާސްޓަކާ އެކު އިތުރު ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި "އެނިމަލް"ގެ ދެވަނަ ބައެއް ވެސް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ސަންދީޕް ގެނެސްދޭ ހަތަރު ވަނަ ހިންދީ ފިލްމުގެ ނަމަކީ "ސްޕިރިޓް" އެވެ. އެ ފިލްމުގެ ލީޑު ފިރިހެން ރޯލަށް ނަގާފައި ވަނީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އެވެ. އަދި ލީޑު އަންހެން ރޯލަށް ނަގާފައި ވަނީ ބޮލީވުޑާއި ދެކުނު އިންޑިއާގެ ފިލްމުތައް ވެސް ކުޅޭ މުރްނާލް ޓާކުރެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން ވެސް އެ ފިލްމުގެ ކާސްޓަށް ނަގާފައިވާ ކަމަށާއި، އަދި އެ ދެ ތަރިން ކުޅޭނީ ނެގެޓިވް ރޯލެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އެ ފިލްމު ޕްރޮޑިއުސްކުރަނީ ޓީ-ސީރީޒްގެ ފަރާތުން ބުޝަން ކުމާރް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

"ސްޕިރިޓް"ގެ ޕްރޮޑަކްޝަންތައް މަސައްކަތްތައް އަންނަ އަހަރު ފަށައި، ސިނަމާއަށް ގެންނާނީ 2026 ގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ސަންދީޕަކީ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ، ޝާހިދު ކަޕޫރް ލީޑު ރޯލު ކުޅުނު "ކަބީރް ސިންގް" ވެސް ޑައިރެކްޓަރެވެ.

އޭނާ ޑައިރެކްޓުރި "އެނިމަލް" އަކީ މިދިޔަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. އެ ފިލްމުގެ ދެވަނަ އަދި ތިންވަނަ ބައިގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރު އެވެ. އަދި ސިނަމާއަށް ގެންނަނީ 2028 ގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.