މަރަދޫ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުންތަކެއްވެއްޖެ
މަރަދޫ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ރޭ ދަންވަރު މަރަދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ ގޭގެ ބަދިގެ ވަރަށް ބޮޑަށް އަނދައި، ކައިރީގައި ހުރި ދެ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށްފި އެވެ.

ރޭ ދަންވަރު 1:00 އެހާކަށްހާ އިރު ހިނގި މި ހާދިސާގައި އެންމެ ފުރަތަމަ ރޯވީ އިރުޝާދިއްޔާ ސްކޫލް ކައިރީ ހުންނަ އަބުހަރީ މަންޒިލް ގޭގެ ބަދިގޭގަ އެވެ.

ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގޭގެ ބަދިގޭގައި ރޯވުމުގެ ސަބަބުން، ބަދިގޭގައި ބޭނުން ކުރާ ގިނަ ސާމާނުތަކެއް ވަނީ އެއްކޮށް އަނދައިފަ އެވެ.

އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އަބުހަރީ މަންޒިލް ގޭގެ ބަދިގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ގެ ކައިރީ ހުރި ދެ ގެއަކަށް އަލިފާނުގެ އަސަރު ކުރި ނަމަވެސް، މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި އަލިފާން ރޯވުމާ އެކު، ގެތަކުން މީހުން ނިކުމެ، އެ ސަރަހައްދުގެ އާންމުންގެ އެހީއާ އެކު އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ.

އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވުނީ އެންއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ވެސް އެހީތެރިކަމާ އެކުގަ އެވެ. އަބުހަރީ މަންޒިލްގައި ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

އެހެން ނަމަވެސް އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނީ އެ ގޭގެ ބަދިގެއާ ވީ ފަރާތު ވަލުތެރޭގައި އަލިފާން ރޯކޮށްފައި ހުރިކަން ފާހަގަކުރެވޭ ކަމަށާއި ގޭގައި އަލިފާން ރޯވީ އޭގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ ފުލުހުން ވެސް މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.