12 ޑިސެމްބަރ 2024 - 12:52

ސަރުކާރުގެ މުހިއްމު ތިން މިނިސްޓްރީއެއް ހުރި އިމާރާތުގައި މިއަދު ހިނގި އަލިފާނުގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ވެސް އަނދައި ހުލިވުމުން، އެ ތަނުން ކުރިން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.

ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އަންނަ ތަނެވެ.

އެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރީ ހުޅުމާލޭގައި ހުންނަ ކައުންސިލްގެ އޮފީހަށެވެ. އެތަން ހިންގަނީ، އަމީން އެވެނިއު މެޕްލްގެ ތިރީބައިގަ އެވެ.
ސިޓީ ކައުންސިލުން ބުނީ ރޯވި އިމާރާތުގައި ކުރިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ހުޅުމާލޭގެ ކައުންސިލްގެ އޮފީހަށް ވަގުތީ ގޮތުން ބަދަލު ކޮށްފައިވާ ކަމަށެވެ.
ކައުންސިލް މުވައްޒަފުންނާއި ސިފައިން ގުޅިގެން އެ ތަނުގައި ހުރި ލިޔެކިޔުންތައް ސަލާމަތް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަލިފާން ރޯވި ސަހަރައްދުގައި ހުންނަވައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އުފަން ދުވަހުގެ ސެޓްފިކެޓެއް އަލިފާނުގައި ގެއްލުނަސް އެ ރިކަވާ ކުރެވޭނެ ކަމަށާއި ނަމަވެސް ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރެޖިސްޓްރީ ގެއްލިއްޖެ ހާލަތުގައި އެ އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތުގަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، ބޭނުން ނުކުރެވޭ ވަރަށް މުޅި އިމާރާތް ވަނީ އަނދައި ހުލިވެފަ އެވެ.