ވިލިނގިލި
ވިލިނގިލި

ހޮނިހިރު ދުވަހެކެވެ. ދަތުރުދާން އެންމެ އެކަށީގެންވާ ކަހަލަ މޫސުމެކެވެ. ޢާއިލާއާ އެކުގައި އަހަރެން އިނީ ވިލިނގިލި ފެރީގައެވެ. މާމައާއި މަންމަ ދައްކަމުންދިޔަ ވާހަކައަށް އެއް ކަންފަތްދީގެންނެވެ. މާމަ ޔަގީންކުރަން ބޭނުންވީ ކަފަބުރާއި ލޯޝަން ގެނެވުނުތޯއެވެ. ފެންވަރައިފިއްޔާ ކަންފަތް ސާފުކުރުމަކީ އަހަރެންގެ އާދައެކެވެ. އަތްވަށް ނުކުމެފައި ގެޔަށް ވަދެއްޖެއްޔާ އަހަރެން ލޯޝަން ލާނެއެވެ. ވަރަށް ގިނައިން މާމައަށް އެ މަންޒަރު ހުންނާނީ ފެނިފައެވެ. ލޯބިވުމަކީ، ލޯބިވާ މީހާއަށް އަބަދުވެސް އޯގާތެރިވުމެވެ. ހެޔޮހިތުން ކަންތައް ކޮށްދިނުމެވެ. ތިމާއާ މެދު ވިސްނާ ވަރަށް އޭނަޔާ މެދު ވެސް ވިސްނުމެވެ. ނުވަތަ އެއީ އެންމެ ރަނގަޅުގޮތް ހެއްޔެވެ؟ އަހަންނަކީ އެ ތަނުގައި އިނަސް ނެތް މީހެކެވެ. އަހަރެންގެ ސަމާލުކަން ހުރީ ފޯނަށެވެ. އިންސްޓަގްރާމަށް އެންމެ ފަހުން އަހަރެން ލީ ފޮޓޯ ވަރަށް ގިނަ މީހުން "ލައިކު" ކޮށްފައި ހުއްޓެވެ. ދުވާލަކު ދެ ފޮޓޯ އަހަރެން ލަމެވެ. ދަތުރު އައުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީއެވެ. އުމުރުން ވިހި އަހަރުގެ އަންހެންކުއްޖަކީމެވެ. ފިކުރެއް ޚިޔާލެއް ނެތެވެ. އަހަރެން ދިރިއުޅެނީ އަމިއްލަ ދުނިޔެއެއްގައެވެ. ފިރިހެނަކު ހީނގަތް އަޑު އިވުނެވެ. އަޑު އައީ އަހަރެންގެ ފުރަގަހުންނެވެ. އަހަރެންގެ ފަހަތުގައި ހުރި ގޮނޑީގައި ޒުވާން ފިރިހެންކުދިންތަކެއް ތިއްބެވެ. އަހަންނެއް ނުބަލަމެވެ. ކަމުދާނެހެން ހީނުވަނީއެވެ. އަހަރެންގެ ޝަރުތު ވަރަށް ގިނައެވެ.

ވިލިނގިއްޔަށް ލެފިއެވެ. ފަހަތު ގޮނޑިން ތެދުވި ފިރިހެނުން ދާން ފެށުމުން ވައްކަޅިން ބަލައިލީމެވެ. ފެނުނީ ފުރަގަހުންނެވެ. އެ މީހުން ތިބީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ރީތިކޮށެވެ. އިސްތަށިގަނޑު ހުރީ ޒަމާނީ ގޮތަކަށް ކޮށައިފައެވެ. ފުރަގަހުން ބަލައިލީމައި އަންހެނެއްހެނެއް ހިޔެއްނުވެއެވެ. ޖިންސު ހުރީ އުނަގަނޑުގައި ހަރުލައިފައެވެ. މަދުން ނޫނީ ނުފެންނަ ކަހަލަ މަންޒަރެކެވެ. އިސްކޮޅަށް ބަލައިލިއިރު، އެ ޝަރުތު ފުރިހަމަވީ އެ ތަނުން އެންމެ މީހެއްގެއެވެ. އެ މީހާގެ މޫނެއް ނުފެނެއެވެ.

ވިލިނގިއްޔަށް ފައިބައިފައި ދެން ބަލައިލިއިރު އަހަރެންގެ ފޯނު އޮތީ ނިވިފައެވެ. އަހަރެން ތެޅިފޮޅިގަތީމެވެ. ފޯނު ހަލާކުވެއްޖެއްޔާ އަހަރެން ބަނޑަށް މަރުވާނެއެވެ. ކާނާއަށް ވުރެ އަހަންނަށް މުހިންމީ ފޯނެވެ. ބައްޕައަށް ދެއްކީމެވެ. އަހަރެންގެ ބައްޕައަކީ ފޯނުގެ ވިޔަފާރިކުރާ މީހެކެވެ. ފޯނު މަރާމާތު ވެސް ކުރާ މީހެކެވެ. ފޯނުގެ ވިންދެއް ހުރިތޯ ބައްޕަ ބަލަމުންދިޔައިރު، އަހަރެންގެ ހިތުގެ ވިންދު ހުރީ އަވަސްވެފައެވެ. މުހިންމު ފޮޓޯއާއި، މެސެޖުތައް ފޯނުގައި ހުންނާނެއެވެ. އަބަދު ޖަހާ ލަވަތަކާއި، ކިޔާ ވާހަކަތައް ވެސް ހުންނާނީ ފޯނުގައެވެ. ފޯނާ ނުލައި އަހަންނަކަށް ނޫޅެވޭނެއެވެ. އަހަންނާ ދިމާއަށް ބަލައިލައިފައި ބައްޕަ ދެއަތަކަށް ބޯހޫރައިލިއެވެ.

"ނޯ!" އަހަންނަށް ބުނެވުނެވެ. "ކޮންމެވެސް ގޮތެއް ހަދާބަލަ! ޑޫ ސަމްތިންގް."

ބައްޕަގެ ފޯނު އަހަންނަށް ދިއްކޮށްލިއެވެ. ވަގުތުން މާލެގޮސް ފޯނެއް ގެންނަން ވެސް ބައްޕަ އުޅުނެވެ. އެހެންނަމަވެސް، އަހަރެންގެ ފޯނުގައި ހުރި އެއްޗެހިތައް އެ ފޯނަކު ނުހުންނާނެއެވެ.

"ދެން އަޅާނުލާ!" އަހަރެން ބުނީމެވެ.

ދަތުރުގެ ހުރިހާ އުފަލަކުން އަހަރެން މަޙްރޫމުވިއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. އަހަންނެކޭ ވައިގޮސްފައިވާ ފުއްޕާހަމެކޭ އެއްފަދައެވެ. ކަރުއެލުނު ގޮތަށް އިސްއުފުލައިލާނެ ހިތްވަރު ވެސް ނުލިބުނެވެ. އެންމެން މޫދަށްއެރި، ބޯޅަކުޅެހެދިއިރު ވެސް އަހަރެން އެއްގަމުގައި އިށީނދެލައިގެން އިނީއެވެ. އަހަންނަށް ވިސްނެނީ އެންމެ ކަމަކާއެވެ. ފޯނުގައި ހުރި އެއްޗެހި ސަލާމަތްކުރެވޭނެ ހެއްޔެވެ؟ އެ ކަން ކުރުމަށްޓަކައި ފޯނު ޖެހޭނީ ތަނަކާ ހަވާލުކުރަން ހެއްޔެވެ؟ އަހަރެންގެ ވަރަށް ބައިވަރު ފޮޓޯ ފޯނުގައި ހުންނާނެއެވެ. ތެދުވެގެން އަހަރެން ހިނގައިގަތީމެވެ. ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. ރާޅުޖަހާފަށުގައި ހިނގަމުންދަނިކޮށް ކުއްލިއަކަށް ފެނުނީ މޫދުއަޑިން މީހަކު އެރިތަނެވެ. ސިއްސައިގެންގޮސްފައި އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އިދިފުށަށް ވެއްޓުނެވެ. އެ މީހާ ވެސް ދިޔައީ ސިއްސައިގެންނެވެ. ހަންނާނާ ހަތަރުކަޅި ހަމަވި ފުރަތަމަ ފަހަރަކީ އެއީއެވެ. އޭނައަކީ، ފެރީން އަހަންނަށް ފެނުނު ޒުވާނާއެވެ. ހަންނާނުގެ މޫނު ފެނުމާއެކު އަހަރެންގެ ލިސްޓުގެ ހުރިހާ ގޮޅިއެއްގައި އެއްފަހަރާ ރަނގަޅު ފާހަގަ ޖަހައިލީމެވެ. އަހަރެންގެ ހިތް ދިނީމެވެ. ލޯބީގެ ވިންދު އަހަރެންގެ ހިތުގައިޖަހަން ފެށިއެވެ. ހަންނާނު ނުވެސް ދެނަހުއްޓެވެ. އޭނަ އައިސް ދިއްކޮށްލި އަތުގައި އަހަރެން ހިފައި ތެދުވީމެވެ. ހަންނާނު މާފަށް އެދުނެވެ. އަހަރެން ހުރީ ހިތް އެދުނު ނަމަވެސް ދޭން ތައްޔާރަށެވެ. އަލަށް ދިމާވި ނަމަވެސް އަހަރުމެންނެކޭ ދެކިފަރިތަ އެކުވެރިންނެކޭ އެއްފަދައެވެ. އަހަންނަށް އެހެންވީ އުފެދުނު ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ހަންނާނަށް އެހެންވީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ.

އަހަރުމެން މާލެއައިއިރު އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވެއްޖެއެވެ. އެއީ، ފުރަތަމަ ނަޒަރުން އުފެދުނު ލޯތްބެކެވެ. އަހަރެންގެ ފޯނު ނަންބަރު ހަންނާނަށް ދިނީމެވެ. ހަންނާނުގެ ނަންބަރު އަހަންނަށް ވެސް ދިނެވެ. މާލެ އައިސް، ފޯނު ހަދަން ގެންދިޔުމުގެ ކުރިން ފޯނު ޗެކުކޮށްލީމެވެ. ބަރާބަރަށް ފޯނު މަސައްކަތް ކުރިއެވެ. ހަދަން ގެންދާކަށް ނުޖެހުނެވެ. އެއީ ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ؟ ހަންނާނާއި އަހަރެން ދިމާވީ ފޯނު މައްސަލަޖެހުނީތީއެވެ. އަހަރެން ބެލީ އެއީ ހެޔޮ ނަސީބެއްކަމުގައެވެ.

ވިދިގެން އައި ދުވަސްތަކުގައި ފޯނުން ވަރަށް ގިނަ ވާހަކަ އަހަރުމެން ދެއްކީމެވެ. ވަރަށް ހިތްހަމަޖެހުނެވެ. ދިރިއުޅުމާ ބެހޭގޮތުން ވެސް އަހަރުމެން ވާހަކަދެއްކީމެވެ. އަހަރެންގެ ފުރަމިތުރެއް ނެތްކަމާއި، ހަންނާނުގެ ހިޔަމިތުރެއް ހުރިކަން ވެސް އެނގުނެވެ. އެ ނަސީބުވެރިޔާގެ ނަމަކީ ނަޔާޝީނެވެ. އެ ކަން އެނގުމުން އަހަރެންގެ ހިތް މަޑުމަޑުން ރޯލިއެވެ. ހަންނާނަކަށް އެ އަޑެއް ނީވެއެވެ.

"އެންމެ ލަސްވެގެން ވެސް ތިން މަސްތެރޭގަ މެރީކުރާ ގޮތަށް އަދި އޮތީ،" ހަންނާނުގެ އަޑުގައިވަނީ އުފާވެރިކަމެވެ. "ވާނެ ނިންނިއަށް އިންޓްރޮޑިއުސްވާން. ތީ މަގޭ ސްޕެޝަލް ފްރެންޑެއްނު."

އަހަރެން ބުނަން ބޭނުންވިއެވެ. ނޫނެކެވެ. ނަޔާޝީނާ ބައްދަލުކުރާހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭނަ ގާތުގައި ހަންނާނު ހުންނަ ތަން ބަލާހިތެއް ވެސް ނެތެވެ. އެކަމަކު، ބައްދަލުކުރަން އެއްބަސްވީމެވެ. އަހަރުމެން އިންސާނުންނަކީ ކިހާ ނިކަމެތި ބަޔެއް ހެއްޔެވެ؟ ހިތުގައި އޮންނަ ގޮތަށް ދުލުން ހާމަކުރަން ނުކެރޭ ކިތައް ފަހަރު އާދޭ ހެއްޔެވެ؟ ހަންނާނު ހުރީ، ސިއްރުން އަހަރެން އެއްޗެއް ބުނި ނަމަވެސް އިވޭ ހިސާބުގައެވެ. އަހަރެން ދުރަށްޖެހިލީމެވެ. ރަޙުމަތްތެރިކަމުގެ ޙައްޤުގައެވެ. ލޯބި ނުލިބުނަސް ލޯމަތިން އޭނަ ބީވެގެން ދާކަށް ބޭނުމެއް ނޫނެވެ.

އަހަރެންގެ ލޯބި އެންމެނަށް ސިއްރުކުރީމެވެ. އެކަމުގައި މީހަކަށް ވެދެވޭނެ އެހީއެއް ނެތީމައެވެ. އެކަމަކު، އެ ފިކުރުތަކާ ދުރަކަށް ނުދެވުނެވެ. ކުރިން ވެސް އުޅުނުހެން އުޅެން އަހަރެން މަސައްކަތްކުރީމެވެ. އެއީ ވަރަށް އުނދަގޫކަމެކެވެ. ކަންކަމުގައި ހިތަށް ލުއި ލިބެނީ އެހެން މީހުނާ ހިއްސާކުރީމައެވެ. އަހަރެން ޖެހުނީ ހިތުގެ ބިންގަރާހުގައި ހުރިހައި ވާހަކައެއް ވަޅުލައިފައި، މަތިޖަހައިފައި، ތަޅުދަނޑި އެއްލައިލާށެވެ. އަހަންނަކީ އަމިއްލައެދުން ބޮޑު މީހެކެވެ. އެހެންނަމަވެސް، ހަންނާނުގެ ލޯތްބަށް ބަދުދުޢާ ކުރާކަށް ނުކެރުނެވެ. އެ ދެމީހުންގެ ދެމެދުގައި މައްސަލަޖެހެނީ އަހަރެންގެ ސަބަބަކުން ނޫނެވެ. އެކަމަކު މައްސަލަ ޙައްލުކުރާނެ ގޮތްތައް އަހަރެން ކިޔައިދެމެވެ. އެ ގޮތް ބޭނުންވާތީއެއް ނޫނެވެ. އެކުވެރިކަމުގެ އަގު އަދާކުރުމަށްޓަކައެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު ހަންނާން މާފަށްއެދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"ނިންނިއަކަށް ނޭނގެ އެޕްރިޝިއޭޓްކުރާކަށް." އަހަރެން ބުނީ އެ ވަރަށެވެ.

ލޯބިވެރިންނަކީ ދުލުން ވާހަކަދައްކާ ބަޔެއް ނޫނެވެ. ހިތާއި ލޯ ސަލާމަތުން ހުރެއްޖެ ނަމަ، ލަފުޒު މުހިންމެއް ނުވާނެއެވެ. ނަޔާޝީން ރުއްސަން ހަދާނެ ގޮތްގޮތް އަހަރެން ކިޔައިދެމުންދިޔައިރު، އަހަރެންގެ ލޮލުން ހަންނާނަށް ފެނުނީ އެހެން ތަރުޖަމާއެކެވެ. އޭނަ ހުސިޔާރެވެ. ތޫނުފިއްޔެވެ. މައްސަލައަކީ އެއީއެވެ.

"އަހަރެންދެކެ ލޯބިވޭތަ؟" ހަންނާނު ސުވާލުކުރިއެވެ.

އެ ސުވާލު ނީވޭކަމަށް ހަދަން އަހަރެން މަސައްކަތް ކުރީމެވެ. ހަންނާނުގެ ސުވާލު ތަކުރާރު ކުރިއެވެ. ދެ ފަހަރުއެވެ. ތިން ފަހަރުއެވެ. ހަތަރުފަހަރުއެވެ. އަހަރެންގެ ދޫ ތަޅުލެވުނެވެ. އިސްޖަހައިލީމެވެ. ނުބުނެހުއްޓައި ހިތުގެ އަޑު އިވޭނީ ވަރަށް މަދު ބަޔަކަށެވެ. އަހަރެންގެ ލޯބިވެރިޔާއަކީ އެ ކަހަލަ މީހެކެވެ. އުފަލުން ނުރޮވޭނީ ކާކަށް ހެއްޔެވެ؟ އަހަރުމެން ތިބީ ރެސްޓޯރަންޓެއްގައެވެ. ފުރަތަމަ ކަރުނަތިކި މޭޒުމައްޗަށް ވެއްޓުމާއެކު ވަގުތުން ފުހެލީމެވެ. ދެވަނަ ތިކި ވެއްޓުނެވެ. ފުހެލަން އުޅެނިކޮށް އަހަރެންގެ އަތުގައި ހަންނާން ހިފެހެއްޓިއެވެ. ފަސްވަނަ ފަހަރަށް ސުވާލު ތަކުރާރުކުރިއެވެ. އެއްޗެއް ބުނާކަށް ނުކެރުނެވެ. އެކަމަކު، ވަރަށް ބާރަށް އޭނަގެ އަތުގައި އަހަރެން ހިފީމެވެ.

ހަންނާނާއި ނަޔާޝީންގެ ލޯބީގައި ނިމުމުގެ ސިއްކަޖެހިއެވެ. ރުހުމުގައެވެ. ދެ މީހުން ވެސް ބޭނުންވީ އެ ގޮތެވެ. އަހަންނަށް ހަންނާނު ލިބުނެވެ. ހީވީ މުޅި ދުނިޔެ އަހަންނަށް ލިބުނުހެންނެވެ. އަހަރެންގެ ހަޔާތަށް އެހާ އުފާވެރި ދުވަސްވަރެއް ނާދެއެވެ. ލޯބިވެރިޔާގެ ކިބައިގައި ހުންނަން އަހަރެން ބޭނުންވި ސިފަޔާއި މިޒާޖު ވެސް ހަންނާނުގެ ކިބައިގައި ހުއްޓެވެ. ފުރަތަމަ ނަޒަރުން އަހަރެންގެ ހިތުގައި އުފެދުނު ލޯބި އަހަންނަށް ކާމިޔާބުކުރެވުނީ، ގާތްގަނޑަކަށް ދެ އަހަރު ތެރޭގައެވެ. އެ ލޯތްބަށް ދެ ހަފުތާ ވެސް ނުވިއެވެ.

"ނިންނި އަތުވެއްޖެ!" ހަންނާނު އެއްވެސް ފޮރުވުމެއް ނެތި ބުންޏެވެ. "އަދި އެއް ޗާންސް އޭނަޔަށް ދޭން ބޭނުން."

އަހަރެންގެ ހިތުގައިއޮތް އެއްޗެއް ހަންނާނަށް ފެނުނީ އަހަރެންގެ ލޮލުންނެވެ. ހަންނާނުގެ ލޮލުން އަހަންނަށް ވެސް އެއްޗެއް ފެނުނެވެ. ނަޔާޝީންގެ ލޯތްބާ ދުރަކަށް ހަންނާނަކަށް ނުދެވޭނެއެވެ. އޭނަ ގަދަކަމުން ހިފަހައްޓަން އަހަރެން މަސައްކަތް ކޮށްފި ނަމަ އެ ވާނީ ބޭކާރު ކަމަކަށެވެ. ލޯބީގެ ތަޅުދަނޑިއަކީ ދެވޭ އިތުބާރެވެ. ލެވޭ ގަދަބާރެއް ނޫނެވެ. އޭނަ ދާން ދޫކޮށްލީއެވެ. ދިޔަ މަންޒަރު ބަލަން އުނދަގޫކަމުން ލޯ މަރައިލައިގެން ހުރެއެވެ.

ވިލިނގިއްޔަށް ދެވޭ ކޮންމެ ފަހަރަކު އޭނަގެ ހަނދާން އާވެއެވެ. އެ ދޮންވެލި ގޮނޑުދޮށާއި މޫދު ފެނުމުން ރޯލަން ބޭނުންވެއެވެ. އެކަމަކު ޝަކުވާއެއް ނެތެވެ. ލޯބިވެރިޔާއަށް އަހަރެން އެދެނީ އުފަލާއި ހިތްހަމަޖެހުމެވެ. ކޮންމެ ތަނެއްގައި ވިޔަސް ހެޔޮ ހާލުގައި ވުމެވެ. ލޯބިވުމަކީ، ލޯބިވާ މީހާއަށް އަބަދުވެސް އޯގާތެރިވުމެވެ. ހެޔޮހިތުން ކަންތައް ކޮށްދިނުމެވެ. ތިމާއާމެދު ވިސްނާ ވަރަށް އޭނަޔާ މެދު ވެސް ވިސްނުމެވެ. އޭނަގެ ފަރާތުން އެ ލޯބި ލިބުމާއި ނުލިބުން އެއީ މުޅީން އެހެން ކަމެކެވެ.

ނިމުނީ