10 ޑިސެމްބަރ 2024 - 21:01

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ވިޔަސް، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު ކަމެއް ކަަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ، ހިޔާލުފާޅުކުރުމުގެ ހައްގަކީ ވަރަށް ފުޅާގޮތެއްގައި ގާނޫނުއަސާސީން ދީފައިވާ ހައްގެއް ވިޔަސް، އެ ހައްގުގެ ބޭނުން ކުރަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކުންގެ ހައްގަށް އުނިކަން ނާންނާނެ ފަދަ ގޮތެއްގައި ކަމަށެވެ.
މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލައި އަނިޔާވެރިކަމަށް ހިތްވަރު ދޭ ގޮތަށް ފާޅުކުރާ ހިޔާލުތަކަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
އަދި މިފަދަ ގޮތަކަށް ސިޔާސީ ޕާޓީތަކުން ގޮވާލައި، ފާޅުކުރެެވޭ ހިޔާލުތަކާ ގުޅިގެން އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓިތަކުން ކަންކަން ހިންގުމުގައި އާންމުންގެ މަސްލަހަތު އިސްކޮށް، ނަފްރަތު އުފެދޭ ގޮތަށް އަމަލުނުކުރުމަށް އެޗްއާރްސީއެމުން ގޮވާލައިފައިވެ އެވެ.