10 ޑިސެމްބަރ 2024 - 20:18

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު އޮމާނަށް ފުރާވަޑައިގެންފި އެވެ.
އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދަވަތަކަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހަލީލް ކުރައްވާ މި ދަތުރުގައި، އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުންވެސް ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ހަލީލް ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޮމާން އާ އެކު ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިސްލާމީ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރަން ހާއްސަ އިސްކަމެއް ވަނީ ދެއްވައިފަ އެވެ.