10 ޑިސެމްބަރ 2024 - 11:28

އޮންލައިންކޮށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓުގައި އިއްޔެ ބުނީ މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗަރު" ޕޭޖާ ގުޅޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ގިނަ އަދަދަކަށް ހުށަހަޅަމުންދާ ކަމަށް ބުންޏެވެ.
އެހެންވެ، އެ އިދާރާއިން ވަނީ އޮންލައިންކޮށް ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމާއި "ހޯމް އާޓް ފަރުނީޗަރު" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފަ އެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރަން ވެސް އިލްތިމާސްކުރި އެވެ.
އެފަދަ މަކަރާ ހީލަތުގެ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދިފައިވެ އެވެ.