13 ޖޫން 2016 - 15:33

ގދ. ތިނަދޫން މީގެ 50 އަހަރު ކުރިން މީހުން ބޭލުމާއި އެ ރަށް އަލުން އާބާދުވި ހާދިސާގެ މައްޗަށް ބިނާކޮށް ރާއްޖޭގައި މިހާތަނަށް ހަދަން އުޅުނު ފުރަތަމަ ތާރީހީ ފިލްމް "1962 ތެނަދޫ" ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް، އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލަން ހޯމް މިނިސްޓްރީން ތިނަދޫ ކައުންސިލަށް އަންގައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއި ކުރައްވައި، އިއްޔެ ތިނަދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވަނީ "މަސްލަހަތު ގެއްލިދާނެތީ އެ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލަން" އަންގާ ކަަމަށެވެ.

"1962 ތެނަދު" އަކީ ވަރަށް ބޮޑަށް ރިސާޗްކޮށްގެން، އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރިޕްޓަކަށް އަބްދުލް ފައްތާހް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ފިލްމުގެ ޝޫޓިން އަށް ވާން ޖެހޭ ތައްޔާރީތައްވެ، ރޯދައިގެ ފަހުން ޝޫޓިން ފަށަން އޮތީ ތާވަލްކޮށްފަ އެވެ.
ތިނަދޫ ކައުންސިލަރު ސައުދު އަލީ މިއަދު "މިހާރު" އަށް ވިދާޅުވީ ފިލްމް ކުރިއަށް ނުގެންގޮސް، އޭގެ މަސައްކަތް ހުއްޓާލަން، ހޯމް މިނިސްޓްރީން އެންގީ ފިލްމުގެ ސްރިޕްޓް ކިއުމަށް ހޯމް މިނިސްޓްރީ އަށް ދައުވަތު ވެސް ދީފައި ވަނިކޮށް ކަމަށެވެ.
"ފުރަތަމަ ހޯމް މިނިސްޓްރީން އެދުނީ އެ މީހުންނާ ސްކްރިޕްޓް ޝެއާކޮށް ދިނުމަށް. އެކަމަކު އެގޮތަށް ހަދައިފި ނަމަ، މީތި ލީކް ވެސް ވެދާނެތީ އަޅުގަނޑުމެން އެދިފައި އޮންނާނެ ސްކްރިޕްޓް ބެލުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ބަޔަކު ކައުންސިލަށް ވަޑައިގަތުމަށް،" ސައުދު ވިދާޅުވި އެވެ.
"އެކަމަކު އެ ފުރުސަތު ވެސް އޮއްވައި މީހެ ހަގީގަތް ނުބަލައި މި ފިލްމް ހުއްޓުވާލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން."
އޭނާ ވިދާޅުވީ "1962 ތެނަދޫ" ގެ ސްކްރިޕްޓް ޒަރީރު ލިޔެފައި ވަނީ ސަރުކާރުގެ ކަމާ ބެހޭ އެކި އިދާރާތަކުން ވަަރަށް ގިނަ މައުލޫމާތުތަކެއް ހޯދައިގެން ކަމަށެވެ. އަދި ސްކްރީންޕްލޭގައި ހިޔާލީ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.
"މިއީ ކަން ހިނގާފައި އޮތް ގޮތަށް އެެއްވެސް އުނިއިތުރެއް އަދި ހިޔާލީ އެއްވެސް ކަމެއް ނުހިމަނައި ހަދާފައި އޮތް ހަގީގަތާ އެއްގޮތް ސްކްރިޕްޓެއް،" ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ހިނގި ހާދިސާގެ މައްޗަށް ހަދާ ފިލްމާ ބެހޭ ގޮތުން ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ވެސް ނުހިމެނޭ ކަމެއްގެ ތެރެއަށް "އަތް ބާނައިގެން" އެ މިނިސްޓްރީން އުޅެނީ މިކަން ސިޔާސީ ކަމަކަށް ހަދަން ކަަމަށެވެ.
"ހޯމް މިނިސްޓްރީއަކީ އާޓާއި ފިލްމީ ކަންކަމާ ގުޅުން ހުރި ތަނެއް ވެސް ނޫން. މީގެ ތެރެއަށް އެ މިނިސްްޓްރީ ވަނުމަކީ ވަރަށް ހެއްވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އަދި މިއީ ތާރީހު އޮޅުވާލަންވެގެން ކުރާ ކަމެއް ކަމަށް ގަބޫލް ކުރެވެނީ،" ސައުދު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން ފިލްމް ހުއްޓާލަން އެންގުމާ ގުޅިގެން، ދެން މި މައްސަލާގައި ކުރިއަށް ދާނެ ގޮތެއް ކައުންސިލުން އަދި ނުނިންމަ އެވެ.
ފައްތާހް ބުނީ "1962 ތެނަދޫ" ހުއްޓާލަން ހޯމް މިނިސްޓްރީން އެންގުމާ ގުޅިގެން "ފިލްމް ޑައިރެކްޓް ކުރަން ދެން ލާހިކެއް ނޫން" ކަމަށެވެ.
އޭނާ ބުނިގޮތުގައި "1962" ގެ މަސައްކަތް ފެށީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގައި ފިލްމް ރަޖިސްޓްރީކޮށް، ކަމާ ބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ވެސް ނަގައިގެންނެވެ. އެހެންވެ ކަމާ ނުބެހޭ މިނިސްޓްރީއަކުން މީގެ ތެރެއަށް ވަނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. ކޮސްޓިއުމް ފިޔަވައި ފިލްމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެފައި އޮއްވައި މިހެން ދިމާވީމަ މިއީ ކަންބޮޑުވާ ކަމެއް،" ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ފައްތާހް ބުންޏެވެ.
"މިހަކަލަ ކަންކަމާ ހެދި އާޓްސްގެ ދާއިރާގެ ކްރިއެޓިވިޓީ އަށް ވަރަށް ބޮޑަށް އަސަރު ކުރާނެ. ނޭނގޭ މާދަމާ ކޮން އިދާރާއަކުން، ކޮން މިނިސްޓްރީއަކުން ކަމެއް މިވެނި އެއްޗެއް ނަހަދާށޭ ބުނާނީ."