08 ޑިސެމްބަރ 2024 - 21:33

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާއި އެ ކޮމިޓީތައް ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ، އއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އަންހެނުން ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ކޮމެޓީތައް އުވާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
އެމަނިކުފާނު އއ. ތޮއްޑޫގައި ވެސް މިއަދު ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް، އަންހެނުންގެ ކޮމިޓީތަކުގެ ހުށަހެޅުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެކަން ކުރެވެން އޮތީ ކަމާ ބެހޭ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ އެކަން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ހުރިހާ ޑަބްލިއުޑީސީގެ މެމްބަރުންނަށް ދޭ މެސެޖެއް. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ވީ ވައުދު. ޑަބްލިއުޑީސީގެ ރިކުއެސްޓަކަށް ވީ މުސާރައެއްގެ ގޮތުގައި، ލިބޭ އެލަވަންސްގެ ސްޓޭޓަސް ބަދަލުކޮށްދިނުން، އެއާއެކު ރޯދަ މަހުގެ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން،" ރައީސް ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނާއި އެމްޕްލޯއިމަންޓް ގާނޫނު، މިފަދަ ގާނޫނުތައް އިސްލާހުކޮށްގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ވައުދު ފުއްދައިދޭނަން. އޭރުން ތި ބޭފުޅުން ތި އެދިލައްވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ."
ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ބާއްވަވާ ބައްދަލުވުމުގައި އެރަށެއްގެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލްތަކާ އެކު މަޝްވަރާ ކުރިއަށް ގެންދެވަ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ސުކޫލުގެ ޖާގައިގެ ދަތިކަމާއި ސިއްހީ ހިދުމަތް ހިމެނެ އެވެ.