08 ޑިސެމްބަރ 2024 - 15:35

އަހަރުތަކަކަށް ފަހު ގަލޮޅު ޕާކު އަލުން މަރާމާތުކުރަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެއްވެސް ބޭނުމެއް ނުހިފި، ޕާކު ވީރާނާވަމުންދާތީ އެ ތަން މިދިޔަ ހުކުރު ދުވަހު މަރާމާތުކުރަން ފަށާފައިވާ ކަމަށެވެ. ޕްލޭންގައިވާ ގޮތުން، އެ މަސައްކަތް ނިމުމުން އެކި އުމުރުފުރާތަކުގެ ގިނަ ބަޔަކަށް ޕާކުގެ ބޭނުން ހިފޭނެ އެވެ.
- ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓު
- އައުޓްޑޯ ބެޑްމިންޓަން ކޯޓު
- ދުވާ ޓްރެކެއް
- ކުޑަކުދިން ކުޅޭނެ ހުސް ބިމެއް
- އައުޓްޑޯ ޖިމެއް
- އިވެންޓް ބާއްވަން ހާއްސަ ސަރަހައްދެއް
- އުމުރުން ދުވަސްވީ މީހުން މަޑުކޮށްގެން ތިބެން ވަކި ސަރަހައްދެއް އޮންނާނެ.
ސިޓީ ކައުންސިލުން ބުނީ އެ ޕާކް ތަރައްގީކުރުމަށްޓަކައި އެ ތަން ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ބަދަލުވެފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވަމުންދާ ކަމަށެވެ. އެކަމުގެ ޝަކުވާތައް ވެސް ކެނޑިނޭޅި ހުށަހަޅަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، ޕާކު ވަށައިގެން ޖަހާފައި ހުރި ޓިނުތައް ނައްޓާލައި އެތަން ސާފުކޮށް، ކޮންމެ ވެސް ވަރަކަށް އާބާތުރަ ވަނީ ފިލުވައިފަ އެވެ.
ސިޓީ ޕާކް މީގެ 15 ވަރަކަށް އަހަރު ކުރިން ފުރަތަމަ ހުޅުވީ ކުޑަކުދިން ކުޅޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. އޭގެ ފަހުން ދެ ރެސްޓޯރެންޓެއް އެ ތަނުގައި ހިންގި އެވެ. އެކަމަކު، ޕާކް ތަރައްގީކުރަން ކަމަށް ބުނެ އެ ތަންތަން ހުސްކުރުމަށް ފަހު، މިނިވަން 50 އާ ދިމާކޮށް "ލެޑް ޕާކު"ތައް ތަރައްގީކުރި އެވެ. ނަމަވެސް، އެ އެއްޗެއްސާއެކު ޕާކު ވީރާނާވާން ދޫކޮށްލީ އެވެ.