07 މާޗް 2017 - 17:22

ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމެއް ފަށަން، ދުނިޔޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް އެޑިއުކޭޝަން ކުންފުނި، އެޑިއުކޭޝަން ފަސްޓް (އީއެފް) އާ އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި އީއެފްގެ ގަވަމެންޓް ސޮލިއުޝަން ޕްރެޒިޑެންޓް ކްލެޔަސް ސެޑާ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
އީއެފް އަކީ 50 ގައުމެއްގައި 500 އަށް ވުރެ ގިނަ ސްކޫލާއި އޮފީސްތައް ހިންގަ އެވެ. އެ ތަންތަނުގައި 43،500 އަށް ވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއީ ގާބިލް ޓީޗަރުން އުފައްދަން އަދި ވަޒީފާގައި ތިބި ޓިޗަރުންގެ ގާބިލްކަން އިތުރުކުރަން ފަށާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށްގެންދަނީ ދެ ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 2500 ޓީޗަރުން ބައިވެރިކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފުރަތަަމަ ބުރު މި މަހުގެ ތެރޭގައި ފަށަން ހަމަޖައްސާފައި ވާއިރު ޕްރޮގްރާމުގެ ދެ ވަނަ ބުރު ފަށާނީ އަންނަ އަހަރު އެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މުދައްރިސުން ފުރިހަމަ އިނގިރޭސި ބަހުން މުއާމަލާތްކުރަން ތަމްރީންދިނުމަކީ މުހިއްމު ކަމަކަށްވާތީ، އިނގިރޭސިި ބަސް ކިޔަވައިދޭ ޓީޗަރުންގެ އިތުރުން ދިވެއްސާއި އިސްލާމް، ގުރުއާން އަދި އަރަބި ބަސް ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ޓީޗަރުން ވެސް ތަމްރީނުކުރާނެ ކަމަށް ބުންޏެވެ.