ޗާގޯސް މައްސަލާގައި ރައީސް ޔޫކޭއަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރަން ނިންމައިފި
ޗާގޯސް މައްސަލާގައި ރައީސް ޔޫކޭއަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރަން ނިންމައިފި

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އިނގިރޭސީން އިސްތިއުމާރު ކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ދިނުން މާ އައުލާކަންބޮޑު ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށާއި އެކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތަށް ރަސްމީކޮށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

"އިނގިރޭސި ސަރުކާރުން މޮރިޝަސް އަށް ޗާގޯސް ހަވާލުކުރާ ވާހަކަތައް ދެކެވުނީމަ، އަޅުގަނޑުމެންގެ ތާރީހާ ގުޅުން ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީވެ، ރަސްމީކޮށް ލިޔެކިޔުމުން ސިޓީން، ދިވެހި ސަރުކާރުން ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި،" ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ސިޓީގެ ކޮޕީއެއް ހޯދަން އާރްޓީއައިއެއް ހުށަހަޅައިފަ އެވެ.

ނަމަވެސް ގާނޫނުގައި ޖަވާބު ދޭންޖެހޭ ކަމަށް ބުނާ 14 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް ފަހު ރައީސް އޮފީހުން ފޮނުވާފައިވާ ޖަވާބުގައި ބުނީ އެއީ އެ ގާނޫނުގެ 31 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ހިއްސާ ކުރެވެން ނެތް މައުލޫމާތެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ ނަތީޖާ ހާސިލް ކުރެވޭ ގޮތެއްގައި ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭ ފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެންވާ ކަމަށެވެ. މައުލޫމާތެއް ހާމަކުރުމަށް އޮތް ވަގުތުގެ ކުރިން ހާމަކޮށްގެން އެ ސިޔާސަތަށް އަމަލުކުރުމުން ލިބެން އޮތް ފައިދާ އަށް އުނިކަން އަންނަ ފަދަ މައުލޫމާތު ވެސް ހިފެހެއްޓިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ޗާގޯސް މައްސަލާގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މައްސަލާގައި މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅާ ގުޅިގެންނެވެ. އޭރު ވެސް ސަރުކާރުން ނިންމާފައި ވަނީ އެ ސިޓީ އާންމު ނުކުރާށެވެ. ނަމަވެސް އިންތިހާބުގެ ތެރޭގައި އެ ސިޓީ "ލީކުވި" އެވެ. އޭރު އިދިކޮޅުން ތުހުމަތުކުރި ގޮތުގައި ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ލިބޭ ގޮތަށް އަދި ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ އެ ސިޓީފުޅާ ގުޅިގެންނެވެ.

ބައި ގަރުނަށް ފަހު އިނގިރޭސި ވިލާތުން މި ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން މިހާރު ވަނީ އެއްބަސްވެފަ އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަން ވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައި ވެސް ވެ އެވެ.

އެ ރަށްތަކުގެ ތެރޭގައި، އެ ތަނުން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭއިރު މިތަނަކީ އެމެރިކާ އަށް ދިގު މުއްދަތަށް ކުއްޔަށް ދީފައި އޮންނަ ޗާގޯސްގެ ވަކި އަތޮޅެކެވެ.

މޮރިޝަސް އަށް ޗާގޯސް ހަވާލުކުރަން ނިންމައި އިނގިރޭސި ވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.

އެ މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަކީ މި ސަރުކާރުގެ މުހިންމު ރިޔާސީ ވައުދެކެވެ.