08 ޑިސެމްބަރ 2024 - 13:52

ގޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި ކުޅުނު 28 މެޗުން އެކަނިވެސް އަތޮޅުތެރޭގައި ފުޓްބޯޅައިގެ ފޯރި އަލުން ކައްކުވައިލި އެވެ.

ކ. ހުރާ އާއި ކ. ގުރައިދޫ އަދި ބ. އޭދަފުއްޓަކީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ރަށްރަށެވެ. އޭގެ ތެރެއިން ހާއްސަކޮށް ގުރައިދު އާއި ހުރާ އަށް ގޯލްޑް ކަޕާ އެކު ޒަމާންތަކެއް ވަންދެން ކެނޑިފައި އޮތް ފުޓްބޯޅައިގެ ބޮޑު ފޯރިއެއް ގެނެސްފި އެވެ. އޭދަފުށި ފާހަގަ ކުރެވިފައި ވަނީ އަބަދުވެސް ފުޓްބޯޅަ އަށް މަގުބޫލު ރަށެއްގެ ގޮތުގަ އެވެ.

ޖުމުލަ 17 ޓީމު ވާދަކުރި މުބާރާތަކީ ޑޮމެސްޓިކް ފުޓްބޯޅައިގައި މިހާ ގިނަ ޓީމުތަކާ އެކު ޓީވީން ދައްކާ ރާއްޖޭގެ ފުރަތަމަ މުބާރާތެވެ. ފުރަތަމަ ބުރުގެ 28 މެޗުގެ ފޭސްބްކް ލައިވްގައި އެންގޭޖްމަންޓް، ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅައިގެ އެހެން މުބާރާތްތަކަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

ޕީއެސްއެމްގެ ޔެސް ޓީވީގެ ފޭސްބްކް ލައިވުން މެޗުތަކުގެ އެންގޭޖްމަންޓް އުޅެނީ އާންމު ގޮތެއްގައި އެ ޕޭޖުން ލައިވްކޮށް ދެއްކި އެހެން އިވެންޓްތަކަށް ވުރެ މަތީގަ އެވެ.
ފުރަތަމަ މެޗު ފިޔަވައި ކުޅުނު އަނެއް 27 މެޗު ޓީވީން ދެއްކި އެވެ. ފޭސްބްކް ޕޭޖުން ލައިވް ވެސް ކުރި އެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ރޭ ފެށި މުބާރާތުގެ ފުރަތަމަ މެޗު ޔެސް ޓީވީން ނުދައްކަ އެވެ. އެ ގަޑީގައި އެހެން އިވެންޓެއް ލައިވް ކުރި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ފުވައްމުލަކާއި ދ. ކުޑަހުވަދޫ ކުޅުނު މެޗު ފޭސްބްކް މެދުވެރިކޮށް ދެއްކީ "ނައިންޓީ ޕްލަސް ގޯލްޑް ކަޕް" ގެ ފޭސްބްކް ޕޭޖުންނެވެ. ގާތްގަނޑަކަށް 5،000 ފޮލޯވާސް ތިބި އެ ޕޭޖުން ދެއްކި އެ މެޗުގެ ލައިވް އަށް 58،000 އެންގޭޖްމަންޓް ލިބިފައި ވެ އެވެ.
ދެވަނަ މެޗުން ފެށިގެން ޔެސް ޓީވީން ވަގުތުން މެޗުތައް ގެނެސް ދިނެވެ. ފޭސްބްކް މެދުވެރިކޮށް ވެސް ދެއްކި އެވެ. ފޭސްބްކް ޕޭޖް މެދުވެރިކޮށް ދެއްކި 27 މެޗަށް 1.3 މިލިއަން އެންގޭޖްމަންޓް ލިބުނެވެ.
އެންމެ ގިނަ އެންގޭޖްމެންޓް ލިބިފައި ވަނީ ފުވައްމުލައް ކުޅުނު ހަތަރު މެޗަށެވެ. އެ ޓީމުން ކުޅުނު ހަތަރު މެޗަށް، 251،000 އަށް ވުރެ ގިނަ އެންގޭޖްމަންޓް ލިބިފައި ވެއެވެ.
އެންމެ ގިނަ އެންގޭޖްމެންޓް ލިބުނު މެޗަކީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހަވީރު ފުވައްމުލަކާއި ހއ. ދިއްދޫ ކުޅުނު މެޗެވެ. އެ މެޗުގެ ފޭސްބްކް ލައިވް އަށް 78،200 އެންގޭޖްމެންޓް ލިބިފައި އެވެ. ދެވަނަ އަށް އެންމެ ގިނަ އެންގޭޖްމަންޓް ލިބުނު މެޗަކީ ބ. އޭދަފުއްޓާއި މާލެ ކުރިމަތިލި މެޗެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު އެ މެޗަށް 69،900 އެންގޭޖެމަންޓް ލިބިފައި ވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކެނޑިފައިވަނިކޮށް ބޭއްވި ގޯލްޑް ކަޕާ އެކު ފުޓްބޯޅައިގެ ފޯރި އަލުން ގެނެވިދާނެ ކަމުގެ އުއްމީދު ލިބިއްޖެ ކަމަށް ތަޖުރިބާކާރު ކޯޗަކު ބުންޏެވެ.