08 ޑިސެމްބަރ 2024 - 11:12

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ހިދުމަތް ދިނުމުގައި ސިޔާސީ ވިސްނުމެއް ނުގެން ގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު، އެހެން ވިދާޅުވީ އއ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވެ ވަޑައިގެންފައިވާ ވައުދުގެ ތެރެއިން ތޮއްޑޫ ކައުންސިލަކީ ރައީސް މުއިއްޒު ބައްދަލު ކުރެއްވި 170 ވަނަ ކައުންސިލެވެ.
މި ރަށުގައި ރައީސް ވިދާޅުވީ ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންގެ ފުދުންތެރިކަން ހޯދައިދިނުމުގައި ވެވެން އޮތް އެހީތެރިކަމެއް ދޭން ކަމަށެވެ.
ތޮއްޑޫގައި ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް އުފައްދަވާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ބޭނުންވާ ކަންކަމުގައި އެ ކުންފުންޏަށް ފައިދާ ހޯދައިދިނުމަށް މަގުފަހި ކޮށްދެއްވާނެ ކަމަށެވެ. އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުން ނުގެންގުޅުއްވާނެ ކަމަށާއި އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
- މަގުތައް ހެދުން.
- ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް، ޖާގަ އާއި ވަސީލަތްތައް އިތުރު ކުރުން.
- އެއްދަންފަޅި އަށް ކިޔަވައި ދިނުމަށް ސްކޫލުގެ ޖާގަ ބޮޑުކޮށް، ވަސީލަތްތައް އިތުރު ކުރުން.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ރޭއްވެވި ގޮތަށް މި އަހަރު ކަންކަން ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށެވެ.
"ދެހާސް ފަންސަވީސް ވާނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަށް. ބަނދަރު، ސްކޫލު، ކުޅިވަރާ ބެހޭ ތަންތަން މިހެން ގޮސް ވައުދު ވެފައިވާ ހުރިހާ މަސައްކަތެއް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ސްކޫލުތައް މަރާމާތުކުރުން. ތަރައްގީގެ މި ދެންނެވި މަސައްކަތްތައް އަންނަ އަހަރު ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވާ ކުރައްވާ ދަތުރުފުޅުގައި ތޮއްޑު އަށް ފަހު ވަޑައިގަންނަވާނީ އެ އަތޮޅު ރަސްދުއަށެވެ. އެ ރަށު އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައި، އުކުޅަހު ކައުންސިލާ ވެސް އެ އިދާރާގައި ބައްދަލު ކުރައްވާނެ އެވެ.
މިއަދު ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.