ވެރިކަން ވެއްޓިއްޖެ، ބައްޝާރު ފިއްލަވައިފި
ވެރިކަން ވެއްޓިއްޖެ، ބައްޝާރު ފިއްލަވައިފި

ބައްޝާރު ފިއްލަވައިގެން ވަޑައިގަތީ ކޮން ތަނަކަށް ކަމެއް އަދިވެސް ނޭނގެ. ސީރިއަން އެއާ 9218 އަކީ ދިމިޝްގު ވައިގެ ބަނދަރުން އެންމެ ފަހުން ފުރި ފްލައިޓް. އޭގައި ތިބީ ކޮން ބައެއްކަން ނޭނގުނަސް ބޮޑަށް ބެލެވެނީ ބައްޝާރު އޭގައި އިންނަވާނެ ކަމަށް. އެކަމަކު އެ ފްލައިޓް ދަތުރަށް ފެށިތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އަނބުރާލި ކަމަށް ފްލައިޓް ޑޭޓާތަކުން ދައްކާ. އޭގެ ފަހުން ވީނުވިއެއް ނޭނގެ.

ވެރިކަން ވެއްޓިއްޖެ، ބައްޝާރު ފިއްލަވައިފި
ވެރިކަން ވެއްޓިއްޖެ، ބައްޝާރު ފިއްލަވައިފި

ސީރިއާގެ ހަޔާތު ތަހްރީރު އަލް ޝާމްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޯލާނީ މިހާރު ވަނީ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ތެރެއަށް ހަނގުރާމަވެރިން ނުވަމުން އަންގަވާފައި. މި ތަންތަން ރަސްމީކޮށް ހަވާލު ކުރަންދެން ހުންނަންވާނީ ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީގެ ބެލުމުގެ ދަށުގައި ކަމަށް ހަނގުރާމަވެރިންގެ ލީޑަރު ވަނީ އެ މީހުންގެ ޓެލެގްރާމް ގްރޫޕެއްގައި އަންގާފައި.

ބައްޝާރު ވެރިކަމުގައި ހުންނަވާތާ ވެސް 24 އަހަރު ވެފައި ވާއިރު މިއީ އޭނާގެ ވެރިކަމުގެ ނިމުމުގެ އިތުރުން ސީރިއާ ކޮންޓްރޯލްކުރަމުން ދިޔަ އަސަދު އާއިލާގެ ވެރިކަން ވެސް ނިމުމަކަށް އައުން. ބައްޝާރު ވެރިކަމަށް ވަޑައިގަތީ މާޗް 14، 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމާ އެކު. މިހާރު އުމުރުން 59 އަހަރުގެ ބައްޝާރު ވެރިކަމަށް ގެނައުމަށް، ވެރިކަން ކުރާ މީހެއްގެ އެންމެ ހަގު އުމުރު ސީރިއާގެ ގާނޫނުއަސާސީން ވަނީ 40 އިން 34 އަހަރަށް ދަށްކޮށްފައި. ބައްޝާރު އެކަނި އިންތިހާބުގައި ވާދަކުރައްވައި ޖުލައި 10، 2000 ގައި އިންތިހާބުކުރި.

"މިއީ އަވަށްޓެރި ގައުމުތަކާއި ދުނިޔެއާ އެކު ރަނގަޅު ގުޅުމެއް ބަދަހިކުރާ އާދައިގެ ގައުމަކަށް ހެދިދާނެ... ނަމަވެސް މިކަން ބިނާވާނީ ސީރިއާގެ ރައްޔިތުން އިޚްތިޔާރުކުރާ ލީޑަރޝިޕެއްގެ މައްޗަށް. އަޅުގަނޑުމެން މިތިބީ އެކަމަށް [އެ ލީޑާޝިޕަށް] އެއްބާރުލުން ދީ، ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށް،" ޖަލާލީ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައަށް 13 އަހަރަށް ފަހު ބައްޝާރު އާއިލާގެ 54 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައި ވާއިރު ބޮޑުވަޒީރު މުހައްމަދު އަލް ޖަލާލީ ވަނީ އޭނާ އަދިވެސް ހުންނެވީ ދިމިޝްގުގައި ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އައި ނަމަވެސް އެ ބަޔަކަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަން އިއުލާނުކުރައްވާފައި.

ސީރިއާގައި ވެރިކަންކުރަމުން އަންނަ ބައަސް ޕާޓީގެ ވެރިކަން ބައި ގަރުނަށް ފަހު ވެއްޓިއްޖެ ކަމަށް ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ދެންމެ އިއުލާނުކޮށްފި. ހަނގުރާމަވެރިން މިއަދު ވެރިރަށް ދިމިޝްގަށް ވަދެފައި ވާއިރު އަސްކަރިއްޔާއިން ދެކޮޅުވެރިކަމެއް ނުދައްކައި، މަގާމު ދޫކޮށް ވަނީ ގޮސްފައި. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައްޝާރު މިހާރު ވަނީ ގައުމު ދޫކޮށް ވަޑައިގެންފައި. އެކަމަކު އޭނާ ވަޑައިގަތްތަނަކާ ބެހޭ މައުލޫމާތެއް އަދި ނުލިބޭ. ހަނގުރާމަވެރިން ވަތް އިރު ސިފައިން އޮތީ ދިމިޝްގު އެއާޕޯޓް ވެސް ދޫކޮށްލާފައި

ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން މީގެ އިރުކޮޅެއް ކުރިން ވެރިރަށް ދިމިޝްގަށް ވަަންނަން ފަށާފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.

ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ހިމާޔަތަށް ދިމިޝްގު ބޭރުގައި ސަލާމަތް ކަންތައް ބަލަހައްޓަމުން ދިޔަ ހިޒްބުﷲގެ ހަނގުރާމަވެރިން ވެސް އެ ސަރަހައްދު ދޫކޮށް ގޮސްފައި ވާއިރު ހަނގުރާމައިގެ ހާލަތު ވަޒަންކުރަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސީރިއާ ސިފައިން ދިމިޝްގުގެ އެއާޕޯޓް ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި ދިމިޝްގުގެ ބައެއް އާންމުން ބުނި ގޮތުގައި އެ މީހުންނަށް މިހާރު ބަޑީގެ އަޑު ވެސް އިވެ އެވެ.

މިދިޔަ މަހުގެ ފަހު ހަފުތާއިން ފެށިގެން ސީރިއާގެ ހަނގުރާމަވެރިން ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ މުހިންމު އެތައް ސިޓީއެއް މިހާރު ވަނީ ހިފައިފަ އެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ ހިމްސް ސިޓީ ވެސް ހިފާފައިވާކަން އިއުލާނުކޮށްފަ އެވެ.

އޭގެ ފަހުން ދިމިޝްގާ ދިމާކުރާނެ ކަމަށް ބުނެފައި ވާއިރު ސީރިއާގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު އައްރަހްމޫން ވަނީ ވިދާޅުވެފައި ވަނީ "ސަލާމަތީ ގޮތުން އަދި އަސްކަރީ ގޮތުން ވަރަށް ވަރުގަދަ ހުރަހެއް" ވެރިރަށުގެ ވަށައިގެން ގާއިމުކޮށްފައިވާ ކަމަށާއި "މި ދިފާއީ ފާރު ފަހަނަޅައި ދިއުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ. މި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި ހަނގުރާމަވެރިން ދުވަހަކު ވެސް މިހާ ބޮޑު ކުރިއެރުމެއް ހޯދައިފައެއް ނުވެ އެވެ.