08 ޑިސެމްބަރ 2024 - 06:49

ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހުއްޓުމެއް ނެތި ހޯދަމުން އަންނަ ކުރިއެރުންތަކުގައި ހިމްސް [ހޮމްސް] ސިޓީ ވެސް ހިފައި ކޮންޓްރޯލް ހޯދާފައިވާކަން އިއުލާނުކޮށްފި އެވެ.

ހިމްސް އަށް ހަނގުރާމަވެރިން ވަދެއްޖެ ކަމަށް މީގެ ކުރިން ބުނުމުން ސީރިއާގެ ޑިފެންސް މިނިސްޓްރީން އެކަން ދޮގުކޮށް ބުނެފައިވަނީ އެ ސިޓީގައި އޮތީ "ރައްކާތެރިކަމާއި ހަމަޖެހުން" ކަމަށެވެ.
ނަމަވެސް އިސްލާމިކް ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ލީޑަރު އަހުމަދު އަލް ޝަރާ ބުނީ ހިމްސްގެ ކޮންޓްރޯލް މިހާރު ސިފައިންނަށް ނެތް ކަމަށާއި އެއީ "ހައްގާއި ބާތިލްގެ ތަފާތު ފެނިގެންދާނެ ތާރީހީ ހާދިސާއެއް" ކަމަށެވެ.
ހިމްސް އަކީ ސީރިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށް ވާއިރު އެތަނުގެ ކޮންޓްރޯލް ހަނގުރާމަވެރިންނަށް ލިބުމަކީ މެޑިޓެރޭނިއަންގެ އައްސޭރި އާއި ބައްޝާރުގެ އާއިލާއިން ބައި ގަރުނުވަންދެން ވެރިރަށް ދެމެހެއްޓި މައި ކިއްލާގެ ގޮތުގައި ސިފަވާ ދިމިޝްގާ ދެމެދު ގުޅުން ކުޑަވާނެ ކަމަކަށެވެ.
ހަނގުރާމަވެރިންގެ ކޯލިޝަންގެ އިސް ކޮމާންޑަރެއް ކަމަށްވާ ހަސަން އަބްދުލް ޣަނީ ބުނި ގޮތުގައި އެ ޖަމާއަތުގެ އޮޕަރޭޝަން މިހާރު ކުރިއަށްދަނީ ދިމިޝްގު ހިފުމަށެވެ.
"އަހަރެމެންގެ އަމާޒަކީ ދިމިޝްގު،" ޓެލެގްރާމް ޗެނަލެއްގައި އޭނާ ބުނެފައިވެ އެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ދިމިޝްގުގެ ވަށައިގެންވާ ސަރަހައްދުތައް ދޫކޮށް ސިފައިން ހިނގައްޖެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.
"ސަލާމަތީ ގޮތުން އަދި އަސްކަރީ ގޮތުން ވަރަށް ވަރުގަދަ ހުރަހެއް" ވެރިރަށުގެ ވަށައިގެން ގާއިމުކޮށްފައިވާ ކަމަށާއި "މި ދިފާއީ ފާރު ފަހަނަޅައި ދިއުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން" ކަމަށް ސީރިއާގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު އައްރަހްމޫން ވަނީ ވިދާޅުވެފަ އެވެ.
ދިމިޝްގުގެ އުތުރުން ގާތްގަނޑަކަށް 140 ކިލޯމީޓަރު (85 މޭލު) ދުރުގައި އޮންނަ ހިމްސް އަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަނގުރާމަވެރިން ހޯދަން ފެށި ކުރިއެރުމުގައި އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔަ ތިން ވަނަ ބޮޑު ސިޓީ އެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ހެދި އެތައް ހާސް ބަޔަކު ވަނީ އެކި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.