ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ
ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ

ސީރިއާގެ މުހިންމު އެތައް ސިޓީއެއްގެ ކޮންޓްރޯލް ކުއްލިއަކަށް ސިފައިންނަށް ގެއްލި، ހަނގުރާމަވެރި ޖަމާއަތްތަކުން ހޯދަމުންދާ ކުރިއެރުމާ އެކު ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓިދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ
ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ

ހަލަބް އާއި ހަމާ ސިޓީ، ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ އިއްތިހާދެއްގެ ބާރުގެ ދަށަށް ގޮސްފައި ވާއިރު އިއްޔެ ވަނީ ދަރްއާ ސިޓީ ވެސް ސީރިއާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ.

ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ
ސީރިއާގެ މުހިންމު ސިޓީތައް ހަނގުރާމަވެރިންގެ އަތްދަށަށް، ބައްޝާރުގެ ވެރިކަން ވެއްޓިދާނެ

ދަރްއާ އަކީ 2011 ވަނަ އަހަރު ބައްޝާރާ ދެކޮޅު ހަރަކާތްތަކުގެ ފެށުން އައި ސިޓީގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެއީ އޭރު ބައްޝާރާ ދެކޮޅަށް ފާރުތަކުގައި ގްރެފިޓީ ކުރެހި ދަރިވަރުންތަކެއް ހައްޔަރުކޮށް އަނިޔާކުރި މައްސަލައިގައި ހަމަނުޖެހުން އުފެދުނު ސިޓީ އެވެ.

"ދަރްއާ ޕްރޮވިންސްގެ އިތުރު ސަރަހައްދުތަކުގެ ކޮންޓްރޯލް ލޯކަލް ފެކްޝަންތަކުން ނަގައިފި، އޭގެ ތެރޭގައި ދަރްއާ ސިޓީ ވެސް ހިމެނޭ... ސަރުކާރުގެ ސަލާމަތީ ބާރުތައް އެ ތަން ދޫކޮށް ދިއުމާ އެކު މިހާރު އެ ޕްރޮވިންސްގެ 90 ޕަސެންޓް [ހަނގުރާމަވެރިން] ކޮންޓްރޯލްކުރޭ،" ސީރިއާގެ އެކި ސަރަހައްދުތަކުން ލިބޭ މައުލޫމާތަށް ބަރޯސާވާ އިނގިރޭސިވިލާތުގެ އޮބްޒަވޭޓަރީން ހުކުރު ދުވަހުގެ ރޭ ބުންޏެވެ.

ދަރްއާ އަކީ ޖޯޑަންއާ އިންވެގެން އޮންނަ ސިޓީއެކެވެ.

ބައްޝާރާ ގާތް ގުޅުމެއް އޮންނަ ރަޝިޔާގެ އެހީތެރިކަމާ އެކު ހަނގުރާމަވެރިން ސުލްހަކޮށް އެއްބަސްވުންތަކެއް ހަދައިގެން ތިބި ނަމަވެސް މި ފަހަކަށް އައިސް ހަމަނުޖެހުންތައް އިތުރުވެ މީހުން މެރުމުގެ އަމަލުތައް ސީރިއާގައި ވަނީ އިތުރުވެފަ އެވެ.

މުހިންމު ސިޓީތަކެއް ކުއްލިއަކަށް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައި ވާއިރު މިއީ ބޮޑެތި ސިޓީތަކެއް މިހާ އަވަހަށް ބައްޝާރުގެ ސިފައިންނަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ގެއްލުނު ފުރަތަމަ ފަހަރެވެ.

ތަހްރީރު އަލް ޝާމް [އެޗްޓީއެސް] އިސްވެ އޮވެ އުފައްދާފައިވާ ހަނގުރާމަވެރިންގެ އިއްތިހާދުން މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހަމަލާދޭން ފެށި ފަހުން، ސީރިއާގެ މެދުތެރޭގެ އަލެޕޯ [ހަލަބް] އާއި އޭގެ ފަހުން ހަމާ ސިޓީ ސަރުކާރަށް ވަނީ ގެއްލިފަ އެވެ. ތިންވަނަ ސިޓީ ކަމަށްވާ ހިމްސް [ހޯމްސް] އަށް ވަންނަން ހަނގުރާމަވެރިން ހުކުރު ދުވަހު ތިބީ ތައްޔާރަށެވެ. އެއީ އިރުމަތީގައި އޮންނަ ދީރް އެޒޯރުން [ދައެރު އަލްޒޫރް] އިން ސިފައިން ފޭބުމާ އެކުގަ ނެވެ.

ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި އެޗްޓީއެސްގެ ލީޑަރު އަބޫ މުހައްމަދު އަލް ޖޯލާނީ ބުނީ ހަމަލާގެ މަގުސަދަކީ ބައްޝާރުގެ ވެރިކަން ވައްޓާލުން ކަމަށެވެ.

"މަގްސަދުތަކުގެ ވާހަކަ ދައްކާއިރު، އިންގިލާބުގެ އަމާޒަކީ މި ވެރިކަން ވައްޓާލުން. އެ އަމާޒަށް ވާސިލްވުމަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ހައްގެއް،" ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ޖޯލާނީ ބުންޏެވެ.

އެޗްޓީއެސް އަކީ ސީރިއާގެ އަލްގައިދާ ގޮތްޕާ ގުޅިފައި އޮންނަ ޖަމާއަތެކެވެ. ހުޅަނގުގެ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައި މި ޖަމާއަތުން މި ފަހުން ވަނީ މެދުމިނުގެ ސިޔާސަތުތައް ކުރިއަށް ނެރެ މަންޒަރު އެހެން ގޮތަކަށް ދައްކަން މަސައްކަތް ފަށައިފަ އެވެ.

ފްރާންސްގެ ލުމިއާ ލިޔޯން 2 ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ފެބްރިސް ބަލަންޗޭ ވިދާޅުވި ގޮތުގައި އެޗްޓީއެސް އިން މިހާރު 20،000 އަކަ ކިލޯމީޓަރު (7،700 އަކަ މޭލަށް ވުރެ ބޮޑު) ސަރަހައްދެއް ކޮންޓްރޯލްކުރެ އެވެ.

ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި ބައްޝާރާ ދެކޮޅަށް އަޑު އުފުލައި، މައިދާންތަކުގައި ހުރި އޭނާގެ ބުދުތަކަށް ގެއްލުންދީ އާންމުން އުފާ ފާޅުކުރުން ވެސް ދަނީ ކުރިއަށެވެ. މިއީ ދާހިލީ ހަނގުރާމަ ފެށުނު ފަހުން ސީރިއާ އިން ދުވަހަކު ވެސް ފެނުނު ފަދަ މަންޒަރުތަކެއް ނޫނެވެ.

ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ހެދި އެތައް ހާސް ބަޔަކު ވަނީ އެކި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.