05 ޑިސެމްބަރ 2024 - 22:00

މާލޭ އެއްގަމު ތޮށި މަރާމާތުކުރުމުގެ ޑިޒައިން މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށް ކޮންސަލްޓަންޓަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ކިޔާ މި މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ ސެޕްޓެމްބަރު މަހު ޖަޕާނު ސަރުކާރާއެކު ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނީ، މި ޕްރޮޖެކްޓުގެ ޑީޓެއިލް ޑިޒައިން ކުރުމުގެ ގޮތުން ކޮންސަލްޓެންސީ އެއްބަސްވުމެއް މިއަދު ފޮނުވާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު ތައާމް މުހައްމަދު ކަމަށެވެ. އަދި، ކޮންސަލްޓެންޓް ޓީމުގެ ފަރާތުން ސޮއިކޮށްފައިވަނީ ޗީފް ކޮންސަލްޓެންޑް ހިރޯމީ ނަމިކީ އެވެ.
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން ވަނީ 20 މިލިއަން ޖަޕަނިސް ޔެން (140،000 އެމެރިކާ ޑޮލަރު) ދޭން ނިންމައިފަ އެވެ.
މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާނުން އެހީވިއިރު، އެ ތޮއްޓަކީ މީގެ 37 އަހަރު ކުރިން މާލެއަށް ބޮޑު ރާޅު އަރައި، ބޮޑެތި ގެއްލުންތަކެއްވެފައި ވަނިކޮށް 1990 ވަނަ އަހަރު ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ.
އެއްގަމު ތޮށީގެ މަރާމާތަށް ޖަޕާނުން އެހީ ދޭން ނިންމިއިރު، އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޕްލޭނިން މިނިސްޓްރީން 2022 ވަނަ އަހަރު ޖަޕާނާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ސޮއިކުރި އެ އެއްބަސްވުމުގެ ބޭނުމަކީ މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރަން ސާވޭތަކެއް ކުރުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.