ޣައްޒާގައި 24 ގަޑިއިރު ތެރޭ 30 މަރާ އެކު ޖުމްލަ 44،500 އިން މައްޗަށް
ޣައްޒާގައި 24 ގަޑިއިރު ތެރޭ 30 މަރާ އެކު ޖުމްލަ 44،500 އިން މައްޗަށް

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭ އިތުރު 30 މީހަކު ޝަހީދުވެ މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު އިއްޔެ 44،532 އަށް އަރައިފި އެވެ.

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ 14 މަސް ދުވަހުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު ބައި ލައްކައާ ގާތްކުރާއިރު 105،538 މީހަކު މި ހަމަލާތަކުގައި ޒަހަމް ވެފައިވާ ކަމަށެވެ.

އިޒްރޭލުން މިފަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ކުއްލި އަދި ވަރުގަދަ ހަމަލާއަށް ފަހު ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ.

ހަމަލާ ދެނީ ހަނގުރާމަވެރިންނަށް ކަމަށް އިޒްރޭލުން ބުންޏަސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އާއި އދ. އިން ވެސް ބުނަނީ ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ހަމަލާތަކަށް އަހަރު ވެގެން ގޮސްފައި ވާއިރު ހަމާސް އާއި އިޒްރޭލުން ގެންދަނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ތައްޔާރުވަމުންނެވެ.