04 ޑިސެމްބަރ 2024 - 13:55

މާލޭގައި އާންމުންނަށް އުނދަގޫ ކުރަމުން ދަނިކޮށް ހުއްޓުވައި، ނަސޭހަތް ދޭން މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ޖަހައި މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އާންމު އުނދަގުލުގެ އިތުރުން މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން އުމުރުން 44 އަހަރުގެ އެއީ އާންމުކޮށް ވެސް މަސްމާރުކޭޓު ކެފޭއަށް ވަދެ، އެ ތަނުގައި ތިބޭ މީހުންނަށް އުނދަގޫ ކުރާ މީހެކެވެ.
ހާދިސާ ހިނގި ދުވަހު ވެސް ފުލުހުން އޭނާ ހުއްޓުވީ އެގޮތަށް ކަންތައް ކުރަމުން ދަނިކޮށް ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކޯޓުގައި ފުލުހުން ވަނީ ފުލުހުން ނަސޭހަތް ދޭން މަސައްކަތް ކުރުމުން ފިލަން މަސައްކަތް ކޮށް، ފުލުހެއްގެ ގައިގައި ޖަހައި އަދި ފުލުސް މީހާގެ ގައިގައި އަންހެން މީހާ ދަތް އަޅާފައިވާ ކަމަށް ބުނެފަ އެވެ.
ކޯޓުގައި އަންހެން މީހާ ބުނީ އޭނާއަކީ "ބޯ ސަކަރާތް" މީހެއް ކަމަށެވެ. ފުލުހެއްގެ ގައިގައި ޖެހުނު ކަމެއް ވެސް ދަތް އެޅުނު ކަމެއް ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ.