ބަދަލުތަކާ އެކު ފުޓްބޯޅަ ފޯރިގަދަވެއްޖެ: ބައްސާމް
ބަދަލުތަކާ އެކު ފުޓްބޯޅަ ފޯރިގަދަވެއްޖެ: ބައްސާމް

މުބާރާތްތަކުގެ ފޯމެޓަށާއި އެހެން ގޮތްގޮތުން ރާއްޖޭގެ ފުޓްބޯޅަ އަށް ގެނައި ބަދަލުތަކާ އެކު ރާއްޖޭގައި ފުޓްބޯޅަ ފޯރިގަދަވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ގައުމީ ކޯޗު ޑަރެން ސްޓެވާޓާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވީ މި އަހަރު ފެށިފައިމިވަނީ ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާ ގޮތަށް ކަމަށެވެ.

"މާލޭ ލީގުގައި ދަނޑަށް މީހުން ވަންނަ މިންވަރު އިތުރުވުމަކީ އަޅުގަނޑުމެންގެ މެނޭޖްމަންޓުން މިކުރާ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް. މާލޭ ލީގުގެ ފޯމެޓަށް މި ގެނުވުނު ބަދަލާ އެކީ ވަރަށް ފޯރިގަދަވެފައި މިއޮތީ. ޓީމުތަކުން ވަރަށް ސަޕޯޓަރުން އިތުރުކުރޭ. އަދި ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޓީމުތަކުން އިތުރަށް މަސައްކަތް ފަށާތަން ވެސް އެބަފެނޭ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ގައުމީ ޓީމުގެ ވެސް ގިނަ މެޗުތަކެއް އޮތުމުން ފުޓްބޯޅަ ފޯރި އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ގައުމީ ޓީމުގެ މުހިއްމު އަހަރަކަށް މި އަހަރު ވާއިރު ވާދަވެރި މެޗުތަކެއް ވެސް އެބަފެނޭ. އަދި ޒުވާން ހުނަރު ވެސް ދަނީ އިތުރުވަމުން މިއީ ފުޓްބޯޅަ އަށް ފެންނަ ރަނގަޅު ފާލެއްހެން ހީވަނީ. ޓީސީގެ ކާމިޔާބީ އެހެން ޓީމުތަކަށް ވެސް ވަރަށް ބޮޑު މޮޓިވޭޝަނެއް ލިބިއްޖެ،" ބައްސާމް ވިދާޅުވި އެވެ.

ބޭނުންވާ ބަދަލުތައް ގެނެސް އިތުރަށް ފުޓްބޯޅަ ކުރިއަރުވަން އެންމެން އެކުގައި މަސައްކަތް ކުރާތީ އެކަމުގެ ފައިދާ ވެސް ފުޓްބޯޅަ އަށް މުހިއްމުކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު ވަރަށް ގިނަ ކްލަބްތަކުން ވެސް އެއްބަސްވޭ ކަންނޭނގެ އެންމެން ގުޅިގެން ފުޓްބޯޅަ ކުރިއަރުވަން. ހުރިހާ ކްލަބަކުން ވެސް އެކުގައި ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތް އެބަފެނޭ،" ބައްސާމް ވިދާޅުވި އެވެ.

ކްލަބްތަކުން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތާ އެއްވަރަށް އެފްއޭއެމުން ވެސް ކުރަން ޖެހޭ ކަންތައްތައް ގިނަ ކަަމަށާއި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެފްއޭއެމުން ވެސް މި ވަނީ މާކެޓިން ޓީމެއް އެކުލަވާލާ މަސައްކަތްތައް ފަށާ ހިސާބަށް ގޮސްފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭގައި ގައުމީ ޓީމުގެ ކޮލިފައިން މެޗުގެ އިޝްތިހާރުތައް ވެސް ފެށިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް އިތުރުވަމުން އަންނައިރު ދަނޑުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

"އަޅުގަނޑު މެންގެ އެދުމެއް ސަޕޯޓަރުން ވަރަށް ޑިސިޕްލިންކޮށް ޓީމުތަކަށް ސަޕޯޓްކުރުމަކީ. ދަނޑުގެ ސެކިއުރިޓީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. ކުރިއަށް ހުރި މެޗުތަކުގައި ސެކިއުރިޓީ ވަރުގަދަ ވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް އޮތް ސަޕޯޓް ބޮޑުވެ އިތުރުވުމަކީ އޭގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.