02 ޑިސެމްބަރ 2024 - 12:21

އަންނަ އަހަރު ގްރޭޑް އެކަކަށް 2،135 ދަރިވަރަކު ވައްދަން ފޯމު ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޕްރީލް މަހު ފަށާ ދިރާސީ އާ އަހަރަށް، ގްރޭޑް އެކެއްގެ ޖާގައަށް ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ގިނަ ފޯމުތައް ހުށަހެޅީ މާލެ ސަރަހައްދުގެ ސްކޫލްތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މާލޭގެ ސްކޫލްތަކަށް 2،024 ދަރިވަރުން ވައްދަން ހުށަހަޅާފައިވާ ކަމަށެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ އެކަކަށް ވައްދަން ހުށަހެޅީ 39 ދަރިވަރެކެވެ.
- މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް: 2،024 ދަރިވަރުން
- އަތޮޅުތަކުގެ ސްކޫލުތަކަށް: 39 ދަރިވަރުން
- އިންޓަނޭޝަނަލް ސްކޫލުތަކަށް: 6 ދަރިވަރުން
- ޕްރައިވެޓް ސްކޫލުތަކަށް: 66 ދަރިވަރުން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ 2،135 ދަރިވަރުންނަކީ މިއަދުގެ ނިޔަލަށް ލިބިފައިވާ ފޯމުގެ އަދަދު ކަމަށެވެ.
މާލޭގެ ސްކޫލުތަކަށް ވެއްދުމުގެ ފުރުސަތު މިއަދުގެ ނިލަޔަށް ހަމަވާއިރު އަތޮޅު ތެރޭގައި ސްކޫލަށް ވައްދަން އެދި މި މަހުގެ 10ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގްރޭޑް އެކަކުން ކުރިން ޖާގަ ދެނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ދަރިވަރުންނަށެވެ. ނަމަވެސް ދިރާސީ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމުން މިދިޔަ ދެ އަހަރު، ގްރޭޑް އެކަކަށް ވެއްދީ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުންނެވެ.
ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި ހިނގާ 2024ގެ ދިރާސީ އަހަރު ނިމޭނީ އަންނަ ފެބްރުއަރީ މަހު އެވެ. ދެން އަންނަ 2025 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް ހަވަނަ ދުވަހެވެ.
ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.
އެގޮތުން، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު [އޭޕްރިލް 6، 2025] ބަދަލުވާނީ ގްރޭޑް 1 އަށެވެ.