އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރަކު ވެސް ބުނަނީ ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުން ކަމަށް
އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރަކު ވެސް ބުނަނީ ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުން ކަމަށް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ޖަރީމާ އަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޮން ބުނެފި އެވެ.

"އަހަރެމެން ހިނގަން މި އަންގަނީ ތަންތަން ހިފުމާއި ބައިކޮށް ވަކިކުރުމާއި ނަސްލު ނައްތާލުމުގެ މަގުން،" އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ޑިމޮކްރެޓްޓީވީ އަށް ދިން އިންޓަވިއުއެއްގައި ޔާލޮން ބުންޏެވެ.

ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބުނުމުން އެ ބަހުގެ މާނަ އަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލުކުރުމުން ޔާލޮން ވަނީ އޭނާ އެހެން ބުނި ސަބަބުން ސާފުކޮށްދީފަ އެވެ.

"އެ ތަނުގައި އެ ހިނގަނީ ކޮން ކަމެއް؟ ބައިތު ލާހިޔާއެއް ނެތް. ބައިތު ހަނޫނެއް ނެތް. ޖަބަލިޔާ އަށް ވެސް ސިފައިން ވަދެފި . ހަގީގަތުގައި އެ ދަނީ އެ ބިންތަކުން އަރަބިން ނައްތާލުމުގެ މަސައްކަތް ކުރަމުން،" ޔާލޮން ބުންޏެވެ.

ޔާލޯން ފާހަގަކުރި ސަރަހައްދުތައް ހިމެނޭ ޣައްޒާގެ އުތުރަކީ ހަމާސް ޖަމާއަތް އަލުން އެތަނަށް ޖަމާވިޔަ ނުދިނުމަށް ކަމަށް ބުނެ އިޒްރޭލުން އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އާންމުކޮށް ހަމަލާ ދޭ ތަނަކަށް ވަނީ ހަދައިފަ އެވެ.

އުމުރުން 74 އަހަރުގެ ޔާލޯން އަކީ 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް އިޒްރޭލު އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހިޔާލު ތަފާތުވުންތަކެއް އުފެދި 2016 ވަނަ އަހަރު އިސްތިއުފާ ދިނުމުގެ ކުރިން ޑިފެންސް މިނިސްޓަރުކަމާއި ޑެޕިއުޓީ ޕްރިމިއާގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.

އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލަނީ ކަމަށް ޔާލޮން ބުނުމާ އެކު އިޒްރޭލުން ވަނީ ރައްދު ދީފަ އެވެ.

ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާރް ބެން ގްވީރު ބުނީ އިޒްރޭލު އަސްކަރިއްޔާގެ ވެރިކަމާއި ޑިފެންސް މިނިސްޓަރުކަން ކުރި މީހަކު އެފަދަ ވާހަކައެއް ދެއްކުމަކީ ބޮޑު ލަދެއް ކަމަށެވެ.

ކުރިން ޔާލޯން ނިސްބަތްވާ ނަތަންޔާހޫގެ ލިކޫޑް ޕާޓީން ބުނީ އެއީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާއި އިޒްރޭލުގެ ދުޝްމަނުންގެ ކޭމްޕަށް ދިން ހަދިޔާއެއް ކަމަށެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ދާއިރު މިހާތަނަށް އެ ހަމަލާތަކުގައި ޝަހީދުވި އަދަދު ވަނީ 45،000 އާ ގާތަށް އިތުރުވެފަ އެވެ.