02 ޑިސެމްބަރ 2024 - 06:55

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މީގެ އެއް އަހަރު ކުރިން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 45،000 އާ ގާތަށް ހިނގައްޖެ އެވެ.
ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 44،429 އަށް އަރާފައިވާ ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި، އިއްޔެގެ ނިޔަލަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި 47 މީހަކު ވެސް ހިމެނޭ ކަމަށެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި ހަމަލާތަކަށް 13 މަސް ދުވަސް ވެފައި ވާއިރު މިހާތަނަށް ޣައްޒާގައި 105،250 މީހަކު ޒަހަމް ވެސް ވެފައިވެ އެވެ.
އިޒްރޭލާއި ހަމާސް ސުލްހަކޮށް ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުުރިއަށް ގެންދާތާ ވެސް އަހަރެއް ވެއްޖެ އެވެ. އެކަމަކު އެ މަޝްވަރާތަކުގައި މިހާތަނަށް ހަމަލާތައް ހުއްޓުމަކަށް ގެނެވުނީ އެންމެ ހަފްތާއަކަށެވެ.
އެކަމަކު ލުބްނާންގައި ހަމަލާ ދިނުން މެދުކަނޑާލުމާ އެކު ހަމާސް އިން ވަނީ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން ހުރިހާ މައުޟޫއެއްގައި ވެސް ވާހަކަ ދައްކަން ތައްޔާރު ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ