01 ޑިސެމްބަރ 2024 - 23:29

ގަލޮޅު ދަނޑުގައި މާލެ ސިޓީ 2-0 އިން ބަލިކޮށް ބ. އޭދަފުށިން ނައިންޓީ ޕްލަސް ގޯލްޑް ކަޕް ގުރޫޕްގެ އެއްވަނަ ހޯދައިފި އެވެ.

އޭދަފުށިން ކުޅުނު ތިން މެޗު ކާމިޔާބު ކޮށްގެން ނުވަ ޕޮއިންޓް ހޯދި އިރު، މާލެ ސިޓީ އަށް ވަނީ ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި ހަ ޕޮއިންޓާ އެކު ގުރޫޕް ބީގެ ދެވަނަ ޔަގީން ވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާލޭންނެވެ. އެޓީމުގެ އިސްމާއިލް ވިފާގު (އިއްސެ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ނަމަވެސް އެޓީމަށް ވަނީ ފުރަތަމަ ދެ މެޗުގައި ދެއްކި ކުޅުން މި މެޗުގައި ތަކުރާރު ނުކުރެވިފަ އެވެ.
އޭދަފުށިން ލީޑު ނަގައިދިނީ އެޓީމަށް ކުޅޭ ރ. އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) އެވެ. ޕްރިމިއާ ލީގުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ ކުޅުންތެރިޔާ ވަނީ ލިބުނު ހިލޭޖެހުން ގޯލަށް އަމާޒު ކޮށްލައިފަ އެވެ. އޭގެ ކުރިން އިޝާން އިބްރާހިމް (ސައްޓު) އަށް ލިބުނު ފުރުސަތުގައި ފޮނުވާޅި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް މާލެ ސިޓީން ނަތީޖާ އެއްވަރު ކުރުމާ ގާތަށް ވެސް ދިޔަ އެވެ. ނަމަވެސް އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. އޭނާ ވަނީ އަހުމަދު މާއިޝް ރަޝީދު (މާއި) ނަގައިދިން ބޯޅަ ބްލޮކް ކޮށް، ރީބައުންސް ވި ވަގުތު އިސްމާއިލް ވަޖީހު (ވައްޖެ) ފޮނުވާލި ހަމަލާ ވެސް ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފުގައި އޭދަފުށީގެ ދެވަނަ ގޯލު ޖަހައި ގަލޮޅު ދަނޑު ކައްކުވައިލީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އޭނާ ވަނީ އިސްމާއިލް ފައުޒީ ޖައްސާލި ބޯޅަ ހޯދައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު ވަގުތު މާލޭގެ ކީޕަރު އާތިފް އަހުމަދަށް އަނިޔާ ވުމާ ގުޅިގެން ޓީމުގެ ކެޕްޓަން، ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ވަނީ އެޓީމުގެ ގޯލު ބެލެހެއްޓުމާ ހަވާލުވެފަ އެވެ. އަދި ފާސިރު ފަހުވަގުތު ހުސްކޮށް އަރައި ފޮނުވާލި ހަމަލާއެއް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ. ރިލޭ އެ ބޯޅަ ދިފާއު ކުރުމުން ރީބައުންސް ބޯޅަ އޭދަފުށީގެ އުނެއިސް ޒުބެއިރު ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ގުރޫޕްގައި އޮތް ތ. ތިމަރަފުއްޓާއި ބ. ތުޅާދޫ އަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައި ނުވާއިރު، ގުރޫޕްގެ ތިންވަނަ ޔަގީން ކުރަން މި ދެ ޓީމު މާދަމާ ހަވީރު ބައްދަލުކުރާނެ އެވެ.
ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް ކުރިއަށް ގެންދަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ތިން ޓީމަށް، ދެވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.