29 ނޮވެމްބަރ 2024 - 12:03

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށް ފަހު، ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މި ހަފުތާގައި ގެނައި އިސްލާހާއި ސަރުކާރުގެ "ދޯހަޅި" އިތުރު ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް އަންނަ މަހުގެ 10 ގައި މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން އިދިކޮޅު އެމްޑީޕީން ތައްޔާރު ވެއްޖެ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެއީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ވެސް މެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައި ޑިސެމްބަރު 10 ގެ ބޮޑު ޖަލްސާގެ ތައްޔާރީތައް އިއުލާނުކޮށް ބުނީ، ރައްޔިތުންނަކީ ވެރިންގެ އަޅުންގެ ގޮތުގައި ގެންގުޅުނުތާ އެތައް ޒަމާނެއް ފަހުން، ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
އެމްޑީޕީން ބުނީ ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން ސީދާ ރައްޔިތުން ކަނޑައަޅާ ބަޔަކު ރައްޔިތުންގެ ކަންކަން ނިންމުމަށް ހަވާލުކޮށްފައި ވަނިކޮށް، އެކަން ދައުލަތުގެ އިސްވެރިން ކުރާ ގޮތަށް ހަމަޖެއްސުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބުތައް ހޯދީ ވަރަށް ގިނަ ބަޔަކު އެތަކެއް ވޭނަކާއި އަނިޔާ ލިބިގެން ކުރި ބުރަ މަސައްކަތުން ކަމަށް ވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުންޏެވެ.
އެކަމަކު، ގާނޫނުއަސާސީ އަށް މިހާރުގެ ސަރުކާރުން އެއްވެސް ބެލުމެއް ނެތި ބަދަލުތައް ގެންނަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ. ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށާއި ސަރުކާރަށް މާލީ ކަންކަން ބަލަހައްޓަން ވެސް ނޭނގޭ ކަމަށް ބުންޏެވެ.
އޭގެ ސަބަބުން ގައުމުގެ މާލީ ހާލަތު ދަށްވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މަސްވެރިކަމާއި ޓޫރިޒަމް ހީނަރުވެ، މުޅިން އުވި ދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ.
މި ކަންކަމުގެ ޝަކުވާތައް ލިބެމުންދަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެމްޑީޕީއަކީ ގައުމުގެ މިސްރާބު ހަމަ މަގަށް އަޅުވައި ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމުގައި އަބަދުވެސް އޮންނަ ޕާޓީއަކަށް ވާތީ އެ މަސައްކަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.