އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން
އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

ވައިބާ އެކައުންޓް ހެކްކޮށްގެން މަކާރައި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކުރަމުންދަނިކޮށް އެކަން ފުލުހުން ދޮގުކޮށްފި އެވެ.

އިއްޔެ ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށްގެން ފައިސާ ފޭރުނު ކަމަށް ބުނާ މައްސަލައިގައި ފުލުހެއް ވެސް ހިމެނެ އެވެ. އަދި އެކަމުގެ ތުހުމަތުކުރާ ފުލުސް މީހާގެ ފޮޓޯއެއް ވެސް ދައުރުކުރި އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައަކީ މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން އެ މީހާ ދަންނަ މީހުންނަށް މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅުމާ އެކު ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ވައިބާ އެކައުންޓް ރިކަވާކޮށް އެ އެކައުންޓްގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެކައުންޓް ގެންގޮސްފައިވާ ކަމަށެެވެ. އަދި ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10،100ރ. އީމެއިލް އަދި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒް ވެފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން 5،600ރ. ފައިސާ ދައުރުވެފައިވާ އެކައުންޓްތަކުގެ ތެރެެއިން އެކައުންޓެއްގައި ހޯލްޑް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އަދި ތުހުމަތުކުރެވިދާނެ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގުގެ އެެއްވެސް ހިސާބެއްގައި ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކުރެވިއްޖެ ނަމަ، ފިޔަވަޅު އަޅާނެ އެވެ.

އެ މައްސަލާގައި ފުލުހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ފާހަގަނުކުރެވުނަސް، އޮޅުވާލައިގެން ހޯދި ފައިސާ ދައުރުކުރުމުގައި ބޭނުންކުރި އެއް ބޭންކް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކް އެކައުންޓް ކަމަށާއި އެ އެކައުންޓަކީ އަންހެން މީހާގެ އީމެއިލް އާއި ބޭންކް އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުންނެވެ. އެ މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވި ހުރި ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ބަޔާނުގައި ފުލުހުން ވަނީ ފުލުހުންގެ ހިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.