28 ނޮވެމްބަރ 2024 - 11:35

މާލޭގެ ގެއަކުން އަގު ބޮޑު ފޯނުތަކެއް ވަގަށް ނަގައިގެން ފުލުހުންނަށް ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ އޮއްވައި ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރި ހދ. ކުޅުދުއްފުށީ، ސީސަންވިލާ، އާދަމް މުހައްމަދު ފިލަން އަލަމާރި ތެރެއަށް ވަދެ އޮތީ ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ.
އުމުރުން 33 އަހަރުގެ އާދަމް މުހައްމަދު ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ ގެއަކަށް ވަދެ ވައްކަން ކުރީ ދަންވަރު ކަމަށެވެ.
އޭނާ އެ ގެއަށް ވައްކަން ކުރަން ވަންނަ މަންޒަރާއި، ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ސްނެޕްޝޮޓްތަކުން ފެންނަ ކަމަށާއި އަގުބޮޑު ދެ ފޯނު ވަގަށް ނެގި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން، އޭނާ ދިރިއުޅޭ ގޭގެ އަލަމާރިތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އާދަމްގެ ބަންދަށް މުއްދަތު ޖަހަން ގެންގޮސް ވާހަކަ ދައްކަން ފުރުސަތު ދިނުމުން "އަވަސް ކޮށްލަދޭށޭ... ހަނު ބަޔާނެއް ދޭށޭ..." ބުނެ، ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އަމުރުގައިވެ އެވެ.
ކޯޓުން، އާދަމް މުހައްމަދުގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.