08 މާޗް 2017 - 06:14

އިންޑިއާގެ ކޮންގްރެސް ޕާޓީގެ އިންދިރާ ގާންދީ އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު އެކަމަނާގެ ފިރިހެން ދެ ދަރިކަލުންގެ ތެރެއިން ސަންޖޭ ގާންދީ ކުއްލިގޮތަކަށް އަވަހާރަވި އެވެ.
އުމުރުން 34 އަހަރުގައި ޖޫން 23، 1980 ގައި ސަންޖޭ އަވަހާރަވި ޚަބަރު ފެތުރިގެން ދިއުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
އިންޑިއާގައި ސިޔާސީ މީހެއްގެ މަރާ ގުޅޭ ގޮތުން މިހާތަނަށް އެންމެ ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދުނީ މި މަރާ ގުޅިގެންނެވެ.
ބުނެވޭ ގޮތުގައި ދަރިކަލުން އަވަހާރަވި ޚަބަރާ އެކު، އެ ހާދިސާ ހިނގި ތަނަށް ވަޑައިގެން ސަންޖޭގެ އަތްޕުޅުގައި އޮތް ގަޑި ނެންގެވި އެވެ. މިކަހަލަ އެކި ވާހަކަތަކާ އެކު، ސަންޖޭ އަވަހާރަކޮށްލީ އިންދިރާ ގާންދީގެ ސިއްރު ރޭވުމަކުން ކަމަށް އެ ދުވަސްވަރު އަޑު ފެތުރުނެވެ.
ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މަދުރް ބަންޑާރްކަރްގެ "އިންދޫ ސަރުކާރު" އަކީ ސަންޖޭ އަވަހާރަވި ހާދިސާއާ ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި މިކަމާ ގުޅިގެން ދެކެވުނު ތަފާތު ވާހަކަތަކާއި އޭގެ ހަގީގަތްތަކަށް ބަލާފައިވެ އެވެ.
ވިކީލީކްސް އިން ހާމަކޮށްފައިވާ ލިޔުންތަކުގައިވާ ގޮތުން ސަންޖޭ ދުއްވި މަތިންދާބޯޓު ވެއްޓިގެން އޭނާ އަވަހާރަވުމުގެ ކުރިން، އޭނާ އަވަހާރަކޮށްލަން ތިން ފަހަރު މަސައްކަތްކޮށްފައިވެ އެވެ.
މިހާތަނަށް އެނގިފައި ނެތް، ވަރަށް ގިނަ މިފަދަ މައުލޫމާތުތައް މަދުރްގެ "އިންދޫ ސަރްކާރް" އިން ފެނިގެން ދާނެ އެވެ.
މި ފިލްމުގައި ސަންޖޭގެ ބައި ކުޅެނީ ނީލް ނިތިން މުކޭޝް އެވެ. މި ފިލްމުގެ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
"އިންދޫ ސަރުކާރް" ބިނާކޮށްފައިވަނީ 1975 އިން 1977 އަށް އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ އެ ގައުމުގައި އިއުލާންކުރި ސްޓޭޓް އޮފް އިމަޖެންސީގެ މުއްދަތުގައި ހިނގައި ދިޔަ ކަންތައްތަކަކަށެވެ. މި ފިލްމުގައި ނީލްގެ އިތުރުން ކީރްތީ ކުލްހާރީ އާއި ތޯތާ ރޯއި ޗައުދަރީ މުހިއްމު ރޯލުތަކަކުން ފެންނާނެ އެވެ.