27 ނޮވެމްބަރ 2024 - 15:37

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް 100,000 ޑޮލަރު ހަދިޔާކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ ފައިސާ ހަވާލު ކުރުމަށް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ފައިސާއާ ހަވާލުވާ ފަރާތުގެ ހައިސިއްޔަތުން ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށެވެ.
އެ ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ 100,000 ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މީގެ ކުރިން ވަނީ ޓެލެތޯނެއް ވެސް ބާއްވައިފަ އެވެ. އެ ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ ފަލަސްތީން ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ.