27 ނޮވެމްބަރ 2024 - 15:33

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުގެ އުދުވާނުތަކާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ހަމާސް ޖަމާއަތުން ވެސް ހަމަލާތައް ހުއްޓާލަން ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.
ހަމާސް އިން މިހެން ބުނެފައި މި ވަނީ ލުބްނާންގެ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލައި މިއަދު އެކަން ތަންފީޒުކުރަން ފަށާފައި ވަނިކޮށެވެ.
"މިސްރާއި ގަތަރާއި ތުރުކީގެ މެދުވެރިންނަށް އަންގާފައިވާނެ ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި ގައިދީން ބަދަލުކުރުމަށް ސީރިއަސް އެއްބަސްވުމަކަށް ތައްޔާރަށް އޮތް ކަން،" ހަމާސްގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިން ވެސް ހަމަލާތައް ހުއްޓާލަން ހުށަހަޅައި އެކަން ކާމިޔާބު ނުވީ އިޒްރޭލުން އެކަމަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.
އިޒްރޭލާއި ހަމާސް ސުލްހަކުރުވައި ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރު އިސްވެ އޮވެ މިދިޔަ އަހަރުން ފެށިގެން ކުރި މަސައްކަތުގައި ހަމަލާތައް ހުއްޓުމަކަށް ގެނެވުނީ އެންމެ ހަފްތާއަކަށެވެ. އެ މުއްދަތުގައި އިޒްރޭލުގެ ބައެއް ރަހީނުން މިނިވަންކޮށް އަދި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީންތަކެއް ވެސް މިނިވަންކުރި އެވެ.
ނަމަވެސް ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ދެ ފަރާތުން ހުށަހެޅި ކަންކަމާ އެއްބަސްވުމަކަށް ނާދެވުމުން މީގެ ދުވަސްކޮޅެއް ކުރިން ގަތަރުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރުން ވަގުތީ ގޮތުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. އިޒްރޭލާއި ހަމާސްގެ ވެސް ރަނގަޅު ނިޔަތް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ދެން ވާހަކަތައް އިންތިޒާމްކޮށްދޭނީ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ކަށަވަރުކަން ދިނުމުން ކަމަށް ވެސް ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާތަކާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ބައި ލައްކައެއްހާ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.