07 މާޗް 2017 - 11:23

ޕިއޮންޔޮން (މާޗް 7) - ހަތަރު މިސައިލް އިއްޔެ އުދުއްސާލީ ޖަޕާނުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ތަމްރީނު ހެދުމުގެ ގޮތުން ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.
ނޯތު ކޮރެއާ އިން އިއްޔެ ވަނީ ޖަޕާނު ކަނޑަށް ހަތަރު މިސައިލެއް ފޮނުވާލައިފަ އެވެ. މީގެ ތެރޭން ތިން މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުގެ ތެެރެއަށެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ، ކޮރެއާ ސެންޓްރަލް ނިއުސް އެޖެންސީން ބުނީ މިސައިލް ފޮނުވާލުމަށް އެންގެވީ ލީޑަރު ކިމް ޖޮން-އުން ކަމަށެވެ. މިސައިލް ދަތުރުކުރި މަންޒަރު ކިމް ޖޮން-އުން ބައްލަވަން ހުންނެވި ފޮޓޯތައް އެ ގައުމުގެ ބައެއް ނޫސްތަކުގައި ޖަހާފައިވެ އެވެ.
ނިއުސް އެޖެންސީން ބުނީ މިސައިލް ހަމަލާތަކުން ދައްކުވައިދެނީ ދުޝްމަނުންގެ ބާރުތައް އެއްވެސް ރަހުމެއް ނެތި ނައްތާލުމަށް ނޯތު ކޮރެއާ ތައްޔާރަށް އޮތްކަން ކަމަށެވެ.
އެމެރިކާ އާއި ސައުތު ކޮރެއާ އިން މިދިޔަ ހަފުތާގައި ވަނީ ވަރުގަދަ އަޝްކަރީ ތަމްރީނުތަކެއް ފަށައިފަ އެވެ. މި ތަމްރީނުތަކަށް އިޝާރާތްކޮށް ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެ ގައުމުގެ ސަރަހައްދަށް އެންމެ ވަޒަނެއް ވެއްޓުނު ނަމަވެސް ރަހުމެއް ނެތް ރައްދެއް ދޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އަކީ ބޮޑު މައްސަލައެއް ކަމަށާއި އެ ގައުމަށް ވަރަށް ވަރުގަދަ އަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ މިސައިލް ހަމަލާ އިން ދިފާއު ވުމަށް އެމެރިކާ އިން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.