ބައެއް ގެތަކަށް ޕްރެޝަރުގައި އަދިވެސް ފެން ނުލިބޭ!
ބައެއް ގެތަކަށް ޕްރެޝަރުގައި އަދިވެސް ފެން ނުލިބޭ!

މާލެ އިން ކަރަންޓާއި ފެނުގެ ހިދުމަތް މިދިޔަ އާދީއްތަ ދުވަހު ކަނޑައިގެން ދިއުމާ ގުޅިގެން ބައެއް ގެތަކަށް އަދިވެސް ޕްރެޝަރުގައި ފެނެއް ނުލިބެ އެވެ.

ގަލޮޅު ސަހަރާ ކައިރީގައި ހުންނަ ގެއަކުން ވާހަކަ ދެއްކި އަންހެނަކު ބުނީ ފެން ކެނޑުނު ދުވަހުން ފެށިގެން އެ ގެ އަށް ޕްރެޝަރުގައި ފެން ނުލިބި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ޝަކުވާ ކައިރި ގެތަކުގައި ކުރުމުން، އެ ގެތަކަށް ވެސް ފެނުގެ ޕްރެޝަރު ވަރަށް ދަށް ކަމަށް ގިނަ މީހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ހީކުރީ ހަ ވަނަ ބުރި އަށް ވީމަ މައްސަލަ ދިމާވީއޭ. އެކަމަކު ހަމަ އެއްގޮތަކަށް ވެސް ނުލިބެނީ. ތިރީ ބުރިތަކަށް ކޮންމެވެސް ވަރަކަށް ފެން ލިބޭ، އެކަމަކު ޕްރެޝަރުގައި ނުލިބޭ. ދަންވަރު ގަޑީގަ ކުޑަކޮށް ރަނގަޅު،" އޭނާ ބުންޏެވެ.

އެ މައްސަލަ އެމްޑަބްލިއެސްސީ އަށް ހުށަހެޅުމުން، ޕްރެޝަރުގައި އިއްޔެ އިން ފެށިގެން ފެން ލިބޭނެ ކަމަށް ބުނި ނަމަވެސް ފެން ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ގަލޮޅުގެ އިތުރުން، ޕްރެޝަރުގައި ފެން ނުލިބޭތީ ހެންވޭރުން ވެސް ވާހަކަ ދެއްކި މީހުން ޝަކުވާ ކުރި އެވެ.

ޕްރެޝަރުގައި ފެން ނުލިބޭ މައްސަލާގައި އެމްޑަބްލިއުއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.

ދިމާވި މައްސަލަ ހައްލުކޮށް، އާދީއްތަ ދުވަހު ހަވީރު މުޅި މާލެ އަށް ފެން ދޫކުރުމަށް ފަހު އެ ކުންފުނިން ބުނެފައި ވަނީ ޕްރެޝަރުގައި ފެން ލިބުމުގެ މައްސަލަ ކުރިމަތިވާނީ އުސް އިމާރާތްތަކަށް ކަމަށެވެ. އެކަމަކު އެ ރޭގެ ނިޔަލަށް މުޅި މާލެ އަށް ޕްރެޝަރުގައި ފެން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.