27 ނޮވެމްބަރ 2024 - 12:26

މާވެޔޮ މަގުން ފަތަހަ މޯލްގެ ގޯޅިގަނޑުގެ ތެރޭގައި ހުންނަ ގެއެއްގައި ހަދާފައިވާ ގުދަނެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އަލިފާން ރޯވެ ލިބުނު ގެއްލުން ހަތަރު މިލިއަނަށް ވުރެ މަތިވާނެ ކަމަށް އެ ގުދަނުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ.

މ. ނިޔަދުރުމާގޭގެ 10 ވަނަ ބުރީގައި ހަދާފައި ހުންނަ އެ ގުދަން ކުއްޔަށް ނަގާފައި ވަނީ ސޮލައިޓް އަދި އޯޓީޕީގެ ރެސްޓޯރެންޓުތައް ހިންގާ ކުންފުނިންނެވެ.

އެ ކުންފުނީގެ އެއް ޑިރެކްޓަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ އެ ފްލޯގައި ހުންނާނީ، އެހެން ރެސްޓޯރެންޓުތަކަށް ބޭނުންވާ ކިޗަން ސެޓާއި ޑީ-ފްރިޖާއި ގޮނޑިއާ މޭޒު ފަދަ ތަކެތި ކަމަށެވެ.
އެއްވެސް އެއްޗަކަށް ކަރަންޓު ދީފައި ނުހުންނާނެތީ، އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް، އެ ތަނުގެ ތެރޭގައި ކަރުދާސް ފޮއްޓާއި ފަސޭހައިން އަލިފާން ރޯވާނެ ޕެކޭޖުތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ތިން ހާސް އަކަފޫޓުގެ އެ ގޭގެ 9، 10، 11 އަދި 12 ވަނަ ފްލޯ ކުއްޔަށް ނަގައި، ޝިޔާމްމެންގެ ކުންފުނިން އެކި ކަންކަމަށް އައީ ތައްޔާރު ކުރަމުންނެވެ. އޭގެ ތެރެއިން، ނުވަ ވަނަ ފްލޯގައި ހުންނާނީ އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ މައި އޮފީހެވެ. އަލިފާން ރޯވި 10 ވަނަ ފްލޯ އިން ފެށިގެން މަތި ބަދަލު ކުރަމުން އައީ ވެޑިން އާއި ޖަލްސާތަކަށް ހާއްސަކޮށް އިވެންޓް ހޯލެއްގެ ގޮތުގަ އެވެ.
އެހެންވެ، އެ މަސައްކަތް ނިމެންދެން 10 ވަނަ ފްލޯ ބޭނުންކުރީ ސާމާނުތައް ގުދަންކުރާށެވެ. އޭގެ ތެރޭގައި 3-4 ރެސްޓޯރެންޓުގެ ކިޗަން ސެޓަޕާއި އެ ކުންފުނިން ނޯތު ހާބަރުގައި މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ރެސްޓޯރެންޓަށް ބޭނުންވާ ބައެއް ތަކެތި ވެސް ހިމެނެ އެވެ.
"އެ ތަނުގައި ހުންނާނެ 250،000-300،000 ޑޮލަރުގެ ސާމާނު. ބިއްދަށުގައި ރޯވީމާ އެ އެއްޗެހި ނަގަން އުނދަގޫވި. ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ވަނީ،" ޝިޔާމް ވިދާޅުވި އެވެ.
"މެނޭޖްމަންޓުގެ ދަށުން 10 ވަރަކަށް ރެސްޓޯރެންޓު އެބަ ހިންގަން. އެ ތަންތަނަށް ބޭނުންވާ ސްޕެއާ ހުންނާނެ އަބަދު ވެސް ސްޓޯ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ގެއްލުން ލިބުނަސް ހާބަރުގައި ހަދާ ރެސްޓޯރެންޓު ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ. އެހެން ރެސްޓޯރެންޓުތަކުން ވެސް ހިދުމަތް ދިނުމުގައި ދައްޗެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.