ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ހާއްސަ އުސޫލަކަށް ފައްތަން ލާޒިމު ކުރަނީ
ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ހާއްސަ އުސޫލަކަށް ފައްތަން ލާޒިމު ކުރަނީ

ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީކަންކަން ކުރިއަށް ގެންދިއުމުގައި އަމަލުކުރަން މަޖުބޫރުވާ ހާއްސަ ގަވާއިދުތަކެއް ހަދަން ލާޒިމުވާ ގޮތަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، ދިއްދު ދާއިރާގެ މެންބަރު އަބްދުއް ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ޑްރާފްޓްގައި ބުނެފައި ވަނީ އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދެއް ހަދަން ޖެހޭ ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނާގެ ލަފަޔާ އެކު ހަދާ އެ ގަވާއިދު އެކުލަވާލުމަކީ އެސޯސިއޭޝަންތަކުގެ ރަޖިސްޓްރާ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ވެއެވެ.

މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނުގައި އޮތީ އެސޯސިއޭޝަންތަކުގެ ހިންގުން ވަކި އުސޫލުތަކަކުން ގެންދިއުމަށް ގަވާއިދުތަކެއް ހެދި ދާނެ ކަމަށެވެ.

މިއަދު މަޖިލީހުގައި ބަހުސް ފެށި އިސްލާހުތަކުގައި ވަނީ ކުޅިވަރުގެ އެ ގަވައިދުތައް ހެދުން ލާޒިމު ކޮށްފަ އެވެ.

ގަނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށް ހުށަހަލާފައިވާ އިސްލާހުތަކުުގައި ވަނީ އެސޯސިއޭޝަންތައް ހިންގާނެ އަސާސީ އުސޫލުތަކުގެ ގަވާއިދެއް ހެދުމަށް ވެސް ލާޒިމުކޮށްފަ އެވެ.

އެސޯސިއޭޝަންތަކާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ އުސޫލުތަކާއި އެ އެސޯސިއޭޝަންތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުތަކެއް ހެދުމަށް ވެސް ވަނީ ޑްރާފްޓްގައި ހިމަނައިފަ އެވެ.

އޮލިމްޕިކް ކޮމިޓީ އާއި ޕެރލިމްޕިކް ކޮމިޓީ ދައުރު ފުޅާކޮށް އިތުރު ބާރުތައް އެ ދެ އިދާރާ އަށް ލިބިދޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އަދި ޑޮޕިން އިދާރާ އާއި ނެޝަނަލް އިންސްޓްޓިޔުޓްގެ ދައުރުވެސް ވަނީ ފުޅާކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުޅިވަރު ފަންޑު މެނޭޖްކޮށް ބެލެހެއްޓުމާ ބެހޭ ގޮތުން ވެސް ގާނޫނަށް އިސްލާހު ހުށަހަޅައިފައި ވެ އެވެ.