07 މާޗް 2017 - 09:31

ލަންޑަން (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ ލީގު އެއް ވަނައިގައި ޗެލްސީން 10 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ލީގުގައި އާދިއްތަ ދުވަހުރޭ ޓޮޓެންހަމް މޮޅުވުމުން ރޭގެ މެޗަށް ޗެލްސީން ނުކުތްއިރު އެ ޓީމުގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ. ރޭ ހޯދި މޮޅާ އެކު ޗެލްސީ އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް އަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
މި ދެ ޓީމު ވަނީ މި ސީޒަނުގައި ވެސްޓް ހޭމް ދަނޑުގައި ލީގު ކަޕްގައި ކުޅެފަ އެވެ. އެ މެޗުން ވެސްޓް ހޭމް ވަނީ 2-1 އިން ޗެލްސީ ބަލިކޮށްފަ އެވެ. އެހެން ކަމުން ރޭގެ މެޗަށް ޗެލްސީ ނުކުތީ އެކަމަށް ވިސްނައި ރަނގަޅަށް ތައްޔާރުވެގެންނެވެ.
ޗެލްސީ އަށް މެޗުގެ 25 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ އެޑެން ހަޒާޑް އެވެ. މިއީ މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ޝޮޓެވެ. ހަޒާޑް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒެވެ. މިއީ ހަޒާޑް މި ސީޒަނުގައި ޖެހި 11 ވަނަ ލަނޑެވެ.
ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ވެސްޓް ހޭމް އިން ރަނގަޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ޗެލްސީގެ ލީޑުފުޅާކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. ކޮސްޓާ މި ލަނޑު ޖެހީ ސެސް ފަބްރެގަސް ދިން ބޯޅައަކުންނެވެ. މިއީ ކޮސްޓާ މި ސީޒަނުގައި ޖެހި 17 ވަނަ ލަނޑެވެ.
ވެސްޓް ހޭމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ އިޓަލީގެ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އެވެ. މިއީ ލަންޒީނީ ޕްރިމިއާ ލީގުގައި ކުޅުނު 50 ވަނަ މެޗެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ލީޑު ދެމެހެއްޓުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި އަދިވެސް ލީގު ޔަގީންނުވާ ކަމަށެވެ.
"މި ފޯމުގައި ކުޅެފިނަމަ އަހަރެމެންގެ ޓާގެޓަށް ވާސިލްވެވޭނެ. ވިސްނަންޖެހޭ ކަމަކީ އަދިވެސް ކުޅެން ޖެހޭ މެޗުތަކެއް އެބަހުރި. ލީގު ޔަގީން ކޮށްގެން ފަސޭހަކޮށްލަން ނެތިން،" ކޮންޓޭ ބުންޏެވެ.
ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ބުނީ ޗެލްސީ ހުއްޓުވުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށާއި ހުރިހާ ގޮތަކުން ވެސް އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ކަމަށެވެ.