24 ނޮވެމްބަރ 2024 - 11:55

ގއ. ކަނޑުހުޅުދޫގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި އެ ދެ މީހުންނަށް ވެސް އަނިޔާވި އެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ ދެ މީހުންނަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި މި މާރާމާރީ ހިނގަން މެދުވެރި ސަބަބެއް ވެސް އަދި ސާފު ނުވެ އެވެ.
ކަނޑުހުޅުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެ މާރާމާރީގައި އެކަކުގެ ކޮނޑު ކަށިގަނޑާއި ހަމައިން ދެ އިންޗިއެއްހާ ތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ގައިގެ އެކި ތަންތަނުގައި ޒަހަމްތައް ހުރި ކަމަށާއި އޭނާގެ ހާލު ސީރިއަސްވުމުން މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މާރާމާރީ ހިންގި ދެވަނަ މީހާގެ ބޮލުގެ ބައެއް ވަރަށް ބޮޑަށް ކަފައިގެން ގޮސް، އޭނާގެ ބޮލުގެ ނާށިގަނޑު ވެސް ހުރީ ބޭރަށް ފެންނާށެވެ. އަދި އަތޮޅު ހޮސްޕިޓަލުގައި އޭނާއަށް ވެސް ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.