24 ނޮވެމްބަރ 2024 - 11:31

ސިނަމާލެ ބްރިޖުގައި މިދިޔަ އަންގާރަ ދުވަހުގެ ފަތިހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ އެއާޕޯޓު ޓްރެފިކް ލައިޓު ކައިރިން ޖަހާފައި އޮތް ދަގަނޑު ފެންސުގައި ސައިކަލުން ޖެހިގެންނެވެ. އަނިޔާވީ ސައިކަލް ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ނުދެ އެވެ.
އެކްސިޑެންޓުގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާގެ ވާތު ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސް، ފައި އޮތީ އެނބުރިފަ އެވެ. އަދި މޫނަށް ވެސް އަނިޔާވެފައި އޮތެވެ. އެމީހާގެ ބޯ ޖެހިފައި އޮތް ތަނުގައި ވެސް ލޭ ހުއްޓެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެ އެވެ.