23 ނޮވެމްބަރ 2024 - 16:59

އިންޑިއާގައި، މަރުވި ކަމަށް ހީކޮށް މީހަކު އަންދާލަން ތައްޔާރުކުރަނިކޮށް އެ މީހާ ނޭވާލާން ފެށުމުން އަލުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފި އެވެ.
ވާހަކަ ދެއްކުމާއި އަޑުއިވުމުގައި ދަތިތަކެއް ހުރި ރޯހިތާޝް ކުމާރު، 25، ބަލިވެގެން ރާޖަސްތާނުގެ ޒުންޒުނޫގެ ހޮސްޕިޓަލަކަށް ގެންދިއުމުން އޭނާ މަރުވެފައިވާ ކަމަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއަށް އެޕިލެޕްޓިކް ސިޒާއެއް ޖެހިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމީ އެވެ.
އެހެންވެ ހިންދޫ އާދަކާދަތަކާ އެއްގޮތަށް އަންދާލަން ނިންމައި އެކަން ކުރިއަށް ގެންދިޔަ އެވެ.
ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑީ ސިންގް އޭއެފްޕީއަށް ވިދާޅުވީ ޑޮކްޓަރަކު އެ މީހާގެ ހަށިގަނޑު މޯޗަރީއަށް ފޮނުވާލީ އެކަމާ ހަވާލުވި ޑޮކްޓަރު ޕޯސްޓްމޯޓަމް ނުހަދައި ޕޯސްޓްމޯޓަމް ރިޕޯޓެއް އަމިއްލައަށް ހެދުމަށް ފަހު ކަމަށެވެ.
ސިންގް ވިދާޅުވި ގޮތުގައި "ހަށިގަނޑުގައި ރޯކޮށްލުމުގެ ކުޑަ އިރުކޮޅެއް ކުރިން" ރޯހިތާޝްގެ ހަށިގަނޑުގެ ހަރަކާތްކުރަން ފެށި އެވެ. ދެން ގޮސް ބެލި އިރު އޭނާ މަރުނުވާ ކަމަށާއި ނޭވާލަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އެ ހިސާބުން އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް އިއްޔެ މަރުވީ އެވެ.
މި މައްސަލައާ އެކު ހޮސްޕިޓަލްގެ ތިން ޑޮކްޓަރަކު ސަސްޕެންޑްކޮށް މައްސަލަ ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ.