ހާއްސަ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ވިއްކާ ހަކުރު އޮޅުވާލައިގެން ލަންކާއަށް!
ހާއްސަ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ވިއްކާ ހަކުރު އޮޅުވާލައިގެން ލަންކާއަށް!

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައި އޮންނަ ހާއްސަ އެއްބަސްވުމުގެ ދަށުން އެ ގައުމުން ބޭރުކުރި ހަކުރު ޝިޕްމެންޓެއް ލަންކާއަށް ގެންދިޔަ މައްސަލަ ފެންމަތިވެ ތަހުގީގުކުރަން ފަށައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ޑައިރެކްޓަރަޓް ޖެނެރަލް އޮފް ފޮރިން ޑްރޭޑް (ޑީޖީއެފްޓީ) އިން އެ މައްސަލަ އަންނަނީ ބަލަމުންނެވެ. ޑީޖީއެފްޓީއަކީ އިންޑިއާގެ ޓްރޭޑް މިނިސްޓްރީގައި އެކްސްޕޯޓާއި އިމްޕޯޓާ ގުޅޭ ކަންކަން ބަލައްޓާ އިދާރާ އެވެ.

އެ އިދާރާއިން ބަލަމުން އަންނަނީ މިދިޔަ މަހުގެ 25 ގައި އެގައުމުން ބޭރު ކުރި 64 ހާސް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއްގެ މައްސަލަ އެވެ. އެ ޝިޕްމެންޓް އެގައުމުން ބޭރުކުރީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ވެފައިވާ ވިޔަފާރީގެ ހާއްސަ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އަގުތަކުގައި ނަމަވެސް، އެއިން ބައެއް ލަންކާއަށް އެތެރެކުރިން ފަޅާއަރާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިފޯޓުކޮށްފައިވެ އެވެ.

މި މައްސަލައާ ހެދި މިހާރު ވަނީ ރާއްޖެއަށް އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަޑުޖައްސާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ލަންކާއިން މިހާރު ވަނީ އިންޑިއާގެ ހަކުރު ޝިޕްމަންޓަށް ކްލިއަރެންސް ދިނުމުގެ މަސައްކަތް މެދުކަނޑާލައި، މައްސަލަ ބަލަން ފަށައިފަ އެވެ. އިންޑިއާއިން ރާއްޖެއަށް ފޮނުވާ ހަކުރު ލަންކާއިން ގަންނަނީ ކޮން ވިޔަފާރިވެރިންނެއްތޯ ބަލަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް، އިންޑިއާއިން ލަންކާއަށް ގެންދިޔަ ހަކުރުގެ ތެރޭގައި ރާއްޖެއަށް ދޫކުރި ހުއްދައިގެ ދަށުން ގެންގޮސްފައިވާ ހަކުރުގެ 80 ކޮންޓެއިނާ ހިމެނޭ ކަމަށްވެ އެވެ. އާންމުވެފައިވާ، ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ބިލް އޮފް ލޭޑިންއަކުން ދައްކާ ގޮތުގައި އިންޑިއާގެ ނެވާ ޝިވާ ޕޯޓުން ބޭރުކުރި 270 ޓަނުގެ ހަކުރުގެ ފައިނަލް ޕޯޓް އޮފް ޑެސްޓިނޭޝަންއަކަށް ވެސް ޖަހާފައި އޮތީ ސްރީ ލަންކާގެ ކޮލަމްބޯ އެވެ.

މި ޝިޕްމަންޓުގެ އިންވޮއިސްގައި ޓަނަކަށް 580 ޑޮލަރު ވަނީ ހިމަނައިފަ އެވެ. މިއީ ކޮލަމްބޯގެ ކުންފުންޏަކުން ޔޫއޭއީގެ ޝިޕަރަކަށް ދައްކަން ޖެހޭ 156،600 ޑޮލަރެވެ. ކޮންސައިނީ ނުވަތަ މުދާ ލިބެންޖެހޭ ފަރާތެއް ކަމަށް ޖަހާފައި އޮތީ "ޓު ބީ އެޑްވައިޒްޑް" އެވެ. މާނަ އަކީ ޝިޕްކުރި ކުންފުނިން އަންގާ ފަރާތަކާ ހަވާލުކުރުމެވެ.

ސެޕްޓެމްބަރު 23 ގައި ވެސް މުދާ ލިބެންވީ ފަރާތެއް ނުޖަހައި، 1.5 މިލިއަން ޑޮލަރުގެ އިންވޮއިސްއެއް ހަދާފައިވެ އެވެ.

ވިޔަފާރިވެރިން ތުހުމަތުކުރާ ގޮތުގައި ކޮލަމްބޯ އަށް މި ޝިޕްމަންޓްތައް ޑައިވާޓްކޮށްފައި ހުންނަނީ އިންވޮއިސްތައް ބަދަލުކޮށްގެންނެވެ. އެކްސްޕޯޓް ކުރުމަށް ބޭނުންވާ ލިޔުންތަކާއި، ކަސްޓަމްސް ކްލިއަރެންސްގެ ލިޔުންތަކުގައި ބުނާ ގައުމަކަށް ނޫނީ ޝިޕްމަންޓް އެތެރެއެއް ނުކުރެވޭނެ އެވެ.

ކަސްޓަމްސްގެ އިން މުދާ ދޫކުރުމުން، ލޭޑިންގެ ބިލް އެ މީހުން ބޭނުންވާ ކޮންސައިނީއަކަށް ބަދަލުކުރަނީ އެވެ.
ބައެއް ޝިޕްމަންޓްތައް ނަވާ ޝެވާ ބަނދަރުން މެލޭޝިއާގެ ޕޯޓް ކްލަންގަށް ވެސް ގޮސްފައިވެ އެވެ.

އިންޑިއާއާ އެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަކަމާއެކު އަދި ހާއްސަ އަގުތަކުގައި ރާއްޖެއަށް ގެނެވެ އެވެ. އޭގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، ފިޔާ، މުގު، ހިލަ އަދި ހިލަވެލި ހިމެނެ އެވެ.