22 ނޮވެމްބަރ 2024 - 23:39

ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 30 އަށް ވުރެ ގިނަ ބިދޭސީން އިއްޔެ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ތިލަފުށީގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަންގައި އިމިގްރޭޝަންގެ 28 އޮފިސަރުންނާއި 35 ފުލުހުން ބައިވެރިވި އެވެ.
އޮޕަރޭޝަންގައި 257 ބިދޭސީން ޗެކްކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ އިތުރުން 22 ބިދޭސީއަކު އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 5،000 ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.