22 ނޮވެމްބަރ 2024 - 14:26

އޭޑީކޭ ހޮސްޕިޓަލްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.
އޭޑީކޭ އިން ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލްގެ ރަސްމީ އެސްއެމްއެސް ހޭންޑަލް މެދުވެރިކޮށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށާއި އެ މެސެޖްގައި ހިމެނޭ ލިންކަށް ވަދެ އެއްވެސް ޒާތީ މައުލޫމާތެއް ފޯރުކޮށް ނުދޭން އިލްތިމާސް ކުރާ ކަމަށެވެ.
އޭގެ ބައެއް ސްކްރީންޝޮޓްތައް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭޑީކޭ ހޮސްޕިޓަލްގެ ހޭންޑަލް އިން ފޮނުވާފައިވާ ބައެއް މެސެޖުތަކުގައި ވާ ގޮތުން އެ މެސެޖް ފޮނުވަނީ ރާއްޖޭގެ ޕޯސްޓް އޮފީހުންނެވެ.
ޕޯސްޓް މެދުވެރިކޮށް ތަކެތި އައިސްފައިވާ ކަމަށާއި ނަމަވެސް ކަސްޓަމްސް އަށް ދައްކަން ޖެހޭ ބައެއް ފީތައް ނުދައްކައި ހުރުމުން ޑެލިވަރީކޮށް ދެވެން ނެތް ކަމަށް މެސެޖުގައި ވެ އެވެ. އެ މެސެޖާ އެކު ފޮނުވާފައިވާ ލިންކުން ފައިސާ ދެއްކުމަށް ވެސް އެދިފައިވެ އެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް އެކަނި ވެސް ސްކޭމާ ގުޅޭ 28،000 މައްސަލައެއްގައި 27 މިލިއަން ރުފިޔާ ގެއްލިގެން ފުލުހުންނަށް ހުށަހެޅި އެވެ. އޭގެ ތެރެއިން، މިހާތަނަށް ރިކަވާ ކުރެވުނީ އެއް މިލިއަން ރުފިޔާ އެވެ.
ސްކޭމްތައް ގިނަވެ، އެކަން ގައުމީ ބޮޑު މައްސަލައަކަށްވެ، ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން އެކަން ހައްލުކުރުމަށް މިހާރު އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.