22 ނޮވެމްބަރ 2024 - 00:20

މާލެ ސިޓީން ގޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ތ. ތިމަރަފުށި ބަލިކޮށްފި އެވެ.

ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ހިމެނޭ މާލެ ސިޓީން ވަނީ ކޮންމެ ހާފަކު ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން ހަލީލް ޖަމާލް ޖައްސާލި ބޯޅަ ބޮލުން ޖަހައި ލީޑު ނަގައިދިނީ ޑިފެންޑަރު ހުސެއިން ޝުއެއިބް އެވެ. އަދި ލީޑު ފުޅާ ކުރީ އަލީ ޝިޔާހު (ޝިޔާ) ދިން ބޯޅައަކުން އިސްމާއިލް ވިފާގު (އިއްސެ) ޖަހައިދިން ގޯލުންނެވެ.

މާލެ ސިޓީގެ ފަހު ދެ ގޯލު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ. މެޗުގެ 88 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އެވެ. އޭނާ މި ގޯލު ޖެހީ އިއްސެ ނަގައިދިން ބޯޅަ ބޮލުން ޖަހަ އެވެ.
ތިންވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން ފަހު ލަނޑު ޖަހައިދިނީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ.
ދެވަނަ ހާފުގައި ޖަމާލް އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ވެސް ލިބި ބޭކާރުވެފަ އެވެ. ތިމަރަފުށީގެ ގޯލްކީޕަރު ކައިރިން ނައްޓާފައި އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރީ، ތިމަރަފުށީގެ ކެޕްޓަން މުޖުތާޒް މުހައްމަދު (މުޖޭ) އެވެ.
އޭގެ ފަހުން އަބްދުﷲ މުއާޒް (އޮޓޯ) ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ދިފާއު ކުރި އިރު، ނަފްކޮ ފޮނުވާލި ބޯޅައެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
މާލޭ ޓީމުގެ ކެޕްޓަނަކީ ފާއިތުވި ސީޒަންގައި އީގަލްސް އިން ފެނުނު ރިލްވާން ވަހީދު (ރިލޭ) އެވެ. މީގެ އިތުރުން ޝައިފުﷲ އިބްރާހިމް އާއި ބަންގްލަދޭޝް އާ ދެކޮޅަށް މި މަހު ކުޅުނު ގައުމީ ޓީމުގައި ހިމެނުނު ޓީސީގެ އަހުމަދު މާއިޝް ރަޝީދު (މާއި) އަދި ވެލެންސިއާގެ ކެޕްޓަން ހަސަން ސުފިއާނު (ސޫފި) ވެސް ވަނީ މާލެ ސިޓީ ޓީމަށް ކުޅެފަ އެވެ.
ތިމަރަފުށީ ޓީމަށް ބަލައިލާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅޭ ކ. ގާފަރުގެ ޝަނާން ރަޝާދު އާއި ބުރު ސްޕޯޓްސް އަށް ކުޅޭ ލ. ގަމުގެ އަބްދުﷲ ޖުނެއިދު (ޖޭންނޭ) ވަނީ ރަށުން ބޭރު ކުޅުންތެރިން ގޮތުގައި އެޓީމަށް ކުޅެފަ އެވެ. މީގެ އިތުރުން އަބްދުﷲ ޒިޔާން (ޖަންކީ) ވެސް އެ ޓީމުގައި ހިމެނެ އެވެ.
މާލެ އާއި ތިމަރަފުށި ހިމެނެނީ ގުރޫޕް ބީގަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ބ. އޭދަފުއްޓާއި ބ. ތުޅާދޫ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 3:50ގަ އެވެ.