ގޯލްޑް ކަޕްގައި ކުޅުން މާޒިޔާ އާއި އީގަލްސްއިން ކުޅުންތެރިންނަށް މަނާކޮށްފި
ގޯލްޑް ކަޕްގައި ކުޅުން މާޒިޔާ އާއި އީގަލްސްއިން ކުޅުންތެރިންނަށް މަނާކޮށްފި

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ކުޅުން، މާޒިޔާ އާއި އީގަލްސްއިން އެ ދެ ޓީމުގެ ކުޅުންތެރިންނަށް އަންގައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޕްރިމިއާ ލީގު ނިމުނު ފަހުން ރާއްޖޭގެ ކްލަބް ފުޓްބޯޅަ ނުފެށި އޮތް އިރު، ކްލަބްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. މާޒިޔާ ވަނީ މިދިޔަ މަހު އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. ނަމަވެސް ތިން މެޗު ވެސް ކުޅުނީ ގައުމުން ބޭރުގަ އެވެ.

ގޯލްޑް ކަޕްގައި ކުޅޭ ބ. އޭދަފުށީ ޓީމުގައި ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން މުހައްމަދު އަޖުފާން އާއި މާޒިޔާއަށް ކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން (ބިޑި)ގެ އިތުރުން އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ހިމަނައިފަ އެވެ.

ނަމަވެސް އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީން އަންނަ ޖެނުއަރީ މަހު އާ ސީޒަން ފަށާނެ ކަމަށް ބުނެފައި ވުމުން، ގޯލްޑް ކަޕަކީ އެފްއޭއެމްގެ ބައިވެރިވުމެއް ނެތް މުބާރާތަކަށް ވުމުން، އަންނަ ސީޒަނަށް ތައްޔާރުވުމަށް، މާޒިޔާއިން އެ ކްލަބްގެ ކުޅުންތެރިންނަށް ވަނީ ގޯލްޑް ކަޕާއި އިތުރު މުބާރާތްތަކުގައި ނުކުޅޭން އަންގައިފަ އެވެ. ހަމަ އެއާއެކު މާޒިޔާއަކީ، އޮފް ސީޒަންގައި ވެސް ކްލަބްގެ ކުޅުންތެރިންނަށް މުސާރަ ދޭ ހަމައެކަނި ދިވެހި ކްލަބެވެ.

އެއަށް ފަހު ކްލަބް އީގަލްސް އިން ވެސް އެ ކްލަބްގެ ކޮންޓްރެކްޓުގައި ތިބި އެއްވެސް ކުޅުންތެރިއަކު "ގޯލްޑް ކަޕް"ގައި ނުކުޅެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ކޮންމެ ޓީމެއްގައި ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް މުބާރަތަކީ ސްޕޯޓްސް މިނިސްޓްރީގެ އެންޑޯޒްމަންޓާ އެކު ކުރިއަށްދާ މުބާރާތެކެވެ. ރޭ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރި ފުވައްމުލައް ސިޓީ އާއި ދ. ކުޑަހުވަދޫ ޓީމުގައި ވެސް، އެ ދެ ރަށަށް ނިސްބަތްވާ އެއްވަނަ ޑިވިޝަންގެ ތަޖުރިބާ ހުރި ކުޅުންތެރިން ހިމެނުނެވެ.

ފުވައްމުލަކުން މެޗުން މޮޅުވި ގޯލުތައް ޖަހައިދިނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅޭ އަލީ ޝަމާލް އަބްދުﷲ އާއި މޫސާ އަޒީމް ހަސަން އެވެ. އަދި ޓީސީ ސްޕޯޓްސް އަށް ކުޅޭ މުހައްމަދު ސާދު ނިޒާރު ވެސް ފުވައްމުލަކު ޓީމުގައި ކުޅުނެވެ.

މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަން ކުޅުނު ޖުމެއިލް ޖަމީލް (ޖުމްބެ) އާއި ބުރު ސްޕޯޓްސްގެ މުހައްމަދު ސާއިފަ އަދި މިދިޔަ ސީޒަނަށް ފަހު ރިޓަޔާ ކުރި އަހުމަދު ރިލްވާން (ބެން) ވަނީ ކުޑަހުވަދޫ ޓީމަށް ކުޅެފަ އެވެ.

ގޯލްޑް ކަޕްގައި ވާދަކުރާ މާލޭ ސިޓީ ޓީމުގައި އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ) އާއި އަބްދުﷲ ސަމީހް މޫސާ ހިމެނެ އެވެ. މީގެ އިތުރުން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި އަހުމަދު ރިޒްވާން (ރިޒޭ) އަދި އިސްމާއިލް އީސާ (މެސީ) އޮތީ އައްޑޫ ސިޓީގެ ޓީމުގަ އެވެ.

ނަމަވެސް ކޮންޓްރެކްޓްގައި ތިބި އެއްވެސް ކުޅުންތެރިއެއް "ގޯލްޑް ކަޕް" މެޗެއްގައި ކުޅެއްޖެ ނަމަ އެ ކުޅުންތެރިއަކާ މެދު ކްލަބުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އީގަލްސްއިން ކުޅުންތެރިންނަށް އަންގާފައިވެ އެވެ.

ކްލަބް ފުޓްބޯޅަ ހުއްޓިފައި އޮތުމާ އެކު އެއްވަނަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ އެހެން ރަށްރަށުގެ މުބާރާތްތަކުގައި ވެސް ކުޅެމުންނެވެ. ގޯލްޑް ކަޕް ކުޅުން މަނާ ކުރި ނަމަވެސް އީގަލްސްގެ ބައެއް ކުޅުންތެރިން މިހާރު ވެސް އަންނަނީ އދ. މަހިބަދޫގައި އޮތް މުބާރާތެއްގައި ކުޅެމުންނެވެ.

އެފްއޭއެމުން އިހުމާލު ވެފައި އޮތް އޮތް އަތޮޅު ފުޓްބޯޅައަށް ގޯލްޑް ކަޕާ އެކު އުއްމީދެއް ލިބިފައިވާ ކަމަށް އެ މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ އޮފިޝަލުން ބުނެ އެވެ. އަދި މާލޭގައި ސެންޓްރަލައިޒްޑް އުސޫލުން ކުރިއަށް ގެންދަން އިއުލާން ކުރި މުބާރާތުގައި ބައިވެރިވާން ޓީމުތަކަށް ދިން ކުރުމު މުއްދަތުގެ ނޯޓިސްއާ އެކު ވެސް ވެސް 17 ޓީމު މުބާރާތުގައި ވާދަކުރުމަކީ އަތޮޅު ފުޓްބޯޅަ އަށް ލިބުނު އުއްމީދެއް ކަމަށް ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ބުނެ އެވެ.