20 ނޮވެމްބަރ 2024 - 18:03

ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނައިރު، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހު ކުރާނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބައެއް ކަންކަމުގައި ގާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހެއް ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރެވޭނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެއީ؛
1. އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ ބާބަށް ބަދަލު ގެނައުން
2. ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެނައުން.
3. ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލު ގެނައުން.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ 262 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ހަތަރު ވަނަ ނަމްބަރެއް އިތުރު ކުރަން އިސްލާހެއް ހުށަހަޅައިފަ އެވެ. އެގޮތަށް އިސްލާހު ކުރުމުން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް ބުނާ މާއްދާ އަށް ވެސް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ރުހުން ލިބިގެންނެވެ.
މި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 78 މެންބަރުންގެ ވޯޓުންނެވެ.
އެ މާއްދާއަށް އިސްލާހު ގެނައިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ރައްޔިތުންގެ ބައެއް ކަންކަމުގައި ރައްޔިތުންގެ ރުހުން ހޯދަން ވޯޓަކަށް ދާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާއި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހެއްގެ ގޮތުގައި ކުރިން އޮންނަ ގޮތަށް 17 ނޮވެމްބަރުގެ ބަދަލުގައި 11 ނޮވެމްބަރަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުން ހިމެނެ އެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން އިންތިހާބުކުރާ އަދަދު މަދުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގައި މިވަގުތު ގާނޫނުއަސާސީ ބަދަލު ކުރެވޭ މިންވަރަށް ސުޕަ މެޖޯރިޓީ އެބައޮތެވެ.