ރާއްޖޭގެ ސަރަހައްދު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ފާސްކޮށްފި
ރާއްޖޭގެ ސަރަހައްދު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ފާސްކޮށްފި

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި މިހާރު ރާއްޖޭގެ ސަރަހައްދު ގޮތުގައި ބުނެފައި އޮންނަނީ ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމައިލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި ކަނޑާއި ގުޅިފައިވާ ޖައްވު ކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުން ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ އެ މާއްދާއަށް (ށ) އިތުރު ކުރަން ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 78 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި އެ ކަނޑާއި ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ހަތަރުބައިކުޅަ ތިންބައި އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.

މީގެ އިތުރުން ކަނޑުގެ ސަރަހައްދަށް ބަދަލެއް އަންނަ އެއްވެސް ނިންމުމެއް މަޖިލީހަށް ވެސް ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން އިސްލާހުގައިވެ އެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ސިޔާސަތީ ބާރު ހިނގާނީ މޮރިޝަސް އަށް ކަމާއި ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ކުރިން މައްސަލަ ހުށަހެޅި އެވެ.

އިޓްލޮސް އިން ނިންމީ ޗާގޯސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ، މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދުން އިން ވަކި ކުރި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ކުރީގެ އީއީޒެޑް އިން ބައެއް ވަނީ ގެއްލިފަ އެވެ.

އެ ސަރަހައްދު ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުވައިފަ އެވެ.