ގޮނޑި ގެއްލޭ އިސްލާހު: ބަހުސް ނިންމައި، ވޯޓަށް އަހައި ކޮމިޓީ ވެސް ބާއްވަނީ
ގޮނޑި ގެއްލޭ އިސްލާހު: ބަހުސް ނިންމައި، ވޯޓަށް އަހައި ކޮމިޓީ ވެސް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހަޅައި މިއަދުން މިއަދަށް ކޮމިޓީ އަށް ފޮނުވަން ފާސްކޮށްފި އެވެ.

ގާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ މާއްދާތައް ހިމަނަން ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު މެންބަރުންނަށް ފޮނުވައި މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރީ ރޭގެ ވަގުތެއްގަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. އަދި ޖަލްސާގެ މެދު ތެރެއިން އެ ބިލަށް ބަހުސް މަރުހަލާ ވެސް ފެއްޓެވި އެވެ. އަދި އެ ބިލަށް ބަހުސްކޮށް ނިންމުމަށް ފަހު މިއަދު ވޯޓަށް އަހައި ކޮމިޓީ އަށް ފޮނުވަން ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލާގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އަދި އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންވެ އެ ބިލު ބަލައިގަންނަން ފާސްވި އެވެ.

އޭގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ މައްސަލަ ދިރާސާ ކުރަން މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވަން ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުން ވޯޓު ދެއްވީ މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމަށެވެ.

އެ މައްސަލާގައި މުޅި މަޖިލީހުގެ ކޮމިޓީ ވެސް މިއަދު 12:30 ގައި ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.